24 Jul 2012, 12:32
ފުލުހުންނާ ބެހޭގޮތުން ހަގީގަތާއި ހިލާފު ޚަބަރާއި މަޢުލޫމާތު ފަތުރަމުން ދާކަމަށް ބުނެ ރާއްޖެ ޓީވީ އެއްބާރުލުން ދިނުން ހުއްޓާލަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިންމީ ފުލުހުންގެ ގަދަރާއި ހުރުމަތް ކަނޑާލައި ފުލުހުންގެ ޚިދުމަތާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށްޓަކައި ފުލުހުންގެ މުއައްސަސާ އާއި ބެހޭގޮތުން ހަގީގަތާއި ހިލާފު ހބަރާއި މަޢުލޫމާތު ފަތުރަމުންދާތީ ކަމަށެވެ.
"މިއަދުން ފެށިގެން ރާއްޖެ ޓީވީއަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ދިނުން ހުއްޓާލުމަށް ނިންމާފައިވަނީ. ރާއްޖެ ޓީވީ އިން ތަކުރާރުކޮށް ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްޓަކައި ޚަބަރާއި މަޢުލޫމާތު ފޮނުވުމުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީއާއި ގަސްތުގައި އެނގިތިބެ ދޮގު މަޢުލޫމާތު ފަތުރަމުންދާތީ އެވެ." ފުލުހުންގެ ވެބް ސައިޓްގައި ވެއެވެ.
ފުލުހުން ބުނީ އެ މުއައްސަސާއާމެދު ރާއްޖެ ޓީވީން ދޮގު މައުލޫމާތު ފަތުރަނީ ސިޔާސީ ވަކި ބަޔަކަށް ފައިދާއެއް ހޯދައިދިނުމަށްކަމަށް ދެކޭ ކަމަށާއި އެއީ ނޫސްވެރިކަމުގެ ޕްރޮފެޝަނަލް ހަމަތަކާއި މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި މިޑީޔާ އަމަލުކުރާ އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަމަށެވެ.
ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި އިރު ފުލުހަކު މީހެއްގެ ފޯނެއް ވަގަށް ނެގި ކަމަށް ބުނާ ވީޑިއޯއަކާއި ޕާކްކޮށްފައި ހުރި ސައިކަލަކުން ފުލުހުން ޕެޓްރޯލް ނަގާ ކަމަށް ބުނެ ވީޑިއޯތަކެއް ވަނީ ރާއްޖެ ޓީވީން ދައްކާފަ އެވެ.
ފުލުހުން ބުނީ ޕެޓްރޯލް ނެގި ކަމަށްބުނާ ވީޑިއޯއަކީ ފުލުހުންގެ ވާޖިބު އަދާ ކުރާ ވީޑިއޯއެއް ކަމަށާއި އެއީ ފުލުހުން ޕެޓްރޯލް ވަގަށް ނަގާ ވީޑިއޯއެއް ނޫން ކަމަށެވެ. ފަސް ލީޓަރުގެ އެ ޕެޓްރޯލް ހަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަލަދުންގޯޅީގައި ސައިކަލަކުން ޕެޓްރޯލް ވަގަށް ނެގުމަށް ހޮޅިއެއް ގުޅާފައި ހުއްޓައި މާލެތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންތަކަކަށް ފެނިގެން ކަމަށް ވެސް ބުންޏެވެ.
ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުއްﷲ ޔާމީން މިއަދު ވިދާޅުވީ މީގެކުރިން ވެސް ފުލުހުންގެ ފަރާތުން ރާއްޖެ ޓީވީއަށް ވަރަށް ގިނަ ފަހަރަށް އެއްބާރުލުން ނުދޭ ކަމަށާއި އެގޮތުން ފުލުހުންގެ ފަރާތުން ރާއްޖެ ޓީވީގެ ނޫސްވެރިނާއި ބައެއް ތަކެއްޗަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ޓީވީން ފުލުހުނަށް އެއްބާރުލުން ދޭނެކަމަށާއި ފުލުހުންގެ އެ ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އަޅުގަނޑުމެން އެކަން ދެކެނީ އެއީ ވަރަށް ފިނޑި އަދި ވަރަށް ނާތަހުޒީބީ އަމަލެއްގެ ގޮތުގަ. އަޅުގަނޑުމެން އަދިވެސް ފުލުހުނަށް އެއްބާރުލުން ދޭގޮތަށް މިތިބީ،" ޔާމީން ވިދާޅުވި އެވެ.
ރާއްޖެ ޓީވީއަށް ފުލުހުން ފިޔަވަޅެއް އެޅި އިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ ދޮގު ޚަބަރު ފެތުރި މައްސަލައިގައި ރާއްޖެ ޓީވީން މާފަށް އެދުމަށާއި ބްރޯޑް ކާސްޓްކުރުމުގެ ޤާނޫނާ ޚިލާފު ކަމެއް ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ޓީވީ އަށް ދީފައެވެ.