24 Jul 2012, 11:48
ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ގައިގެ ހަތަރު ތަނަކަށް ވަޅިހަރައި ޕޮލިސް ލާންސް ކޯޕްރަލް ކާށިދޫ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ މާލެ ގެނެސްފި އެވެ.
ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ހަލީމަށް ވަޅިން ހަމަލާދީ އޭނާ ގަސްތުގައި މަރާލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ކާށިދޫ، ސުވާސާގޭ، މުހައްމަދު ސަމާހު 22، މިހާރު ވަނީ މާލެ ގެނެސް ފައެވެ.
ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ހަލީމް ގަޔަށް ވަޅި ހަރައި މަރާލި މީހާއަށް ސަލާމަތްވެގެން ހުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި އެ މީހަކު ހޯދައި ވީއެންމެ އަވަހަކަށް ޝަރީއަތުގެ ކުރިމައްޗަށް ގެންދާނެ ކަމަށެވެ.
ކާށިދޫ ކައުންސިލުން ބުނީ ހަލީމް މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސަމާހަކީ މަރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. ހަލީމް މަރާލާފައި ވަނީ މާރާމާރީގެ މައްސަލައެއްގައި ސަމާހު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހަލީމް ޑިއުޓީއަށް ދަނިކޮށް މަގުމަތިން ހަމަލާދިނުމަށް ފަހު އެވެ.
އިއްޔެ ގަލޮޅު ސަހަރާގައި ވަނީ ރަސްމީ އިއްޒަތުގައި ހަލީމް ފަސްދާނުލާފަ އެވެ. އޭނާ މަރުވި އިރު އަންބަކާއި ތިން މަހުގެ ދަރިއަކު ވެސް ހުރެއެވެ.