ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ ދޮގު ޚަބަރު ފެތުރި މައްސަލައިގައި ރާއްޖެ ޓީވީ މާފަށް އެދުމަށާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ޚިލާފު ކަމެއް ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރާއްޖެ ޓީވީ އަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.

ކޮމިޝަނުން ރާއްޖެ ޓީވީ އަށް ރޭ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތައް ރާއްޖެ ޓީވީން ހުށަހަޅައިދިނުމުގައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވައިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ސިޔާސީ ނުތަނަވަސްކަމާއި ހަލަބޮލިކަން އުފެދުމަށް މަގުފަހިވަމުންދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

އެ ކޮމިޝަނުން އަދި ބުނީ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އިތުބާރު ގެއްލޭ ފަދަ ގޮތްގޮތަށާއި އެ މުއައްސަސާތަކުގެ އަގު އާންމުންގެ ކުރިމަތީގައި ވެއްޓޭނެ ގޮތްގޮތަށް، ހަގީގަތާ ޚިލާފަށް، ރާއްޖެ ޓީވީން ޚަބަރާއި މައުލޫމާތު ފަތުރާކަމުގެ އެތައް ޝަކުވާއެއް ވެސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

ކޮމިޝަނުގެ ސިޓީގައި ބުނަނީ މުޖުތަމައުގެ އަދަބު އަހުލާގާ ނުގުޅޭ ކޮންޓެންޓް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރަމުންދާތީ، ލައިވް އިވެންޓްތަކާއި އެހެނިހެން ކޮންޓެންޓް ގެނެސްދިނުމުގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށް ފުރިހަމަ ކޮންޓްރޯލް އޮންނަ ފަދަ ގޮތަށް ބްރޯޑްކާސްޓްކުރުމަށް ޖުލައި 12، 2012 ގައި ރާއްޖޭ ޓީވީއަށް ލިޔުމުން ނަސޭހަތްތެރިވި ކަމަށެވެ. އަދި އޭގެ ފަހުން އިސްލާހު ގެނެސްފައި ނުވުމުން ސްޓޭޝަންގެ އިސް ވެރިންނާ ޖުލައި 17، 2012 ގައި ކޮމިޝަންގައި ބައްދަލުކޮށް، ގާނޫނީ ތަރަހައިގެ ތެރޭގައި ބްރޯޑްކާސްޓްކުރަން އަލުން ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ފުލުހުންތަކެއް ސައިކަލަކުން ވަގަށް ޕެޓްރޯލް ނެގި ކަމަށް ބުނެ މިދިއަ އާދިއްތަ ދުވަހުގެ ރޭގެ ޚަބަރު ގަޑިތަކުގައި ރާއްޖެ ޓީވީން ގެނެސްދީފައިވާ ޚަބަރަކީ މަޢުލޫމާތުގެ ސައްހަކަން އެއްގޮތަކަށް ވެސް ނުބަލައި ގެނެސްދީފައިވާ ޚަބަރެއްކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށާއި ފުލުހުންގެ މުއައްސަސާ އިން އެ ޚަބަރު ދޮގުކޮށް، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ހާމަކުރުމުން ވެސް އެ ކުށް އިސްލާހުކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަނުގެ ސިޓީގައި ވެއެވެ.

އަދި ބުނެފައި ވަނީ ބްރޯޑްކާސްޓަރުން ޢަމަލުކުރަންޖެހޭ "ކޯޑް އޮފް ޕްރެކްޓިސް" ގައިވާ ގޮތުން ކަމެއް ހިނގި ގޮތް ސާބިތުނުވާ ހާލަތެއްގައި، އެ ކަމެއް ހިނގި ކަމަށް ލިބޭ މަޢުލޫމާތު ހާމަކުރާއިރު މުޢުތަބަރު ކަމަށް ޔަޤީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަން ކަށަވަރުކޮށް ނޫނީ އެ ޚަބަރެއް ގެނެސްދީގެންނުވާނެ ކަމަށައި އެފަދަ ކަމެއް ކުރެވިއްޖެނަމަ އެ ކަމެއް އިސްލާހުކޮށް މާފަށް އެދެން ޖެހޭނެ ކަމަށް ޤަވާއިދު ބުނާ ކަމަށެވެ.

ބްރޯޑްކާސްޓަރަކު އެފަދަ ކަމެއް ކޮށްފިނަމަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކޮމިޝަނުން އަންގާ ވަގުތެއްގައި، ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން، ކޮށްފައިވާ ކަމެއް ރަނގަޅު ކުރުމަށް ނުވަތަ އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުމުގެ ބާރު ކޮމިޝަނަށް ވަނީ ލިބިދޭ ކަމަށް ވެސް ސިޓީގައި ވެއެވެ.

"ވީމާ ފުލުހުންތަކެއް ސައިކަލަކުން ވަގަށް ޕެޓްރޯލް ނެގި ކަމަށް ބުނެ 22 ޖުލައި 2012 ވަނަ ދުވަހުގެ ރޭގެ ޚަބަރު ގަޑިތަކުގައި ރާއްޖެ ޓީވީން ހަގީގަތާ ޚިލާފު ޚަބަރު ގެނެސްދީފައިވާތީ، ތިޔަ ސްޓޭޝަނުން އެ ކަމަށް މާފަށް އެދި ބަޔާނެއް، 24 ޖުލައި 2012 އިން ފެށިގެން ތިން ރޭ ވަންދެން، ރޭގަނޑުގެ ކޮންމެ ޚަބަރެއްގައި، ތިޔަ ސްޓޭޝަނުން ބްރޯޑްކާސްޓްކުރުމަށް އަންގަމެވެ. އަދި އެ ބަޔާން ބްރޯޑްކާސްޓްކުރެއްވުމަށްފަހު، ބްރޯޑްކާސްޓްކުރެއްވި ގަޑިތައް މި ކޮމިޝަނަށް ލިއުމުން އެންގެވުން އެދެމެވެ." ސިޓީގައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ސިޓީގައި އަދި ވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކަމެއް ރާއްޖެ ޓީވީން އިތުރަށް ތަކުރާރުކޮށްފިނަމަ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފަ އެވެ.