ވޮޝިންގޓަން (ޖުލައި 24): ބޭރުގެ ޙަމަލާތަކެއް ސޫރިޔާއަށް އަމާޒުވެއްޖެނަމަ ދިފާޢުގައި ކެމިކަލް ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށް ސޫރިޔާ ބުނުމުން އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތައް ސޫރިޔާ ސަރުކާރަށް އިންޒާރުތައް ދެމުން އެބަގެންދެއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ސޫރިޔާ ސަރުކާރަށް އިންޒާރު ދެއްވަމުން ވިދާޅުވީ އެއްވެސް ޙާލެއްގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމާމެދު "ޚިޔާލުވެސް ކޮށްގެންނުވާނެ" ކަމަށެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ސޫރިޔާއަށް ބިރުދައްކަމުން ވިދާޅުވީ ސޫރިޔާއަށް އިސްވެ ޙަމަލާދޭ ބޭރުގެ ބާރަކާ ދެކޮޅަށްވެސް ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

ބްރަސަލްސްގައި އިއްޔެ ބޭއްވި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުންވެސް ވަނީ ކެމިކަލް ހަތިޔާރުގެ މައްސަލާގައި ސޫރިޔާއަށް ބިރުދެއްކުމުގެ ބަޔާނެއް ނެރެފައެވެ. ކެމިކަލް ހަތިޔާރުގެ މައްސަލާގައި އެމެރިކާ ސޫރިޔާއަށް އިންޒާރު ދޭއިރު ޚުދު އެމެރިކާވަނީ ޢިރާޤުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ނިއުކްލިޔަ ރޭޑިޔޯ އެކްޓިވް މާއްދާއެއްކަމަށްވާ ޑިޕްލޭޓެޑް ޔޫރޭނިޔަމް ބޭނުންކޮށްފަ އެވެ. އަދި ވިއެޓްނާމް ހަނގުރާމައިގާ އެމެރިކާވަނީ ފުޅާދާއިރާއެއްގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފަ އެވެ.

ބޭރުގެ ޙަމަލާތަކެއް ސޫރިޔާއަށް އަމާޒުވެއްޖެނަމަ ދިފާޢުގައި ކެމިކަލް ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށް ސޫރިޔާ ބުނެފައިވަނީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުތައް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތްފަދަ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ އިސްލާމީ ޖަމާއަތެއްގެ އަތްމައްޗަށް އަރާނަމަ އެކަން ހުއްޓުވުމަށްޓަކައި ސޫރިޔާއަށް ވަދެގަންނަންޖެހިދާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފައިވަނިކޮށެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކްވަނީ އިސްރާއީލުގެ ލޯ ހުރީ ސޫރިޔާގެ ކެމިކަލް ހަތިޔާރުތަކާ ދިމާއަށް ކަމަށާއި އެހަތިޔާރުތަކަށް ވާގޮތަކުން ސޫރިޔާއަށް އަރައިގަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ އިންޒާރުގެ ބަޔާނެއް ދެއްވާފައެވެ.

ސޫރިޔާއަކީ ދުނިޔޭގައިވާ ކެމިކަލް ހަތިޔާރާއި ބައިލޮޖިކަލް ހަތިޔާރުގެ އެންމެ ބޮޑު ސްޓޮކް ހުރި އެއް ޤައުމު ކަމަށް ރިޕޯޓްތައް ބުނާއިރު ސޫރިޔާއިން މިބާވަތުގެ ފަނާކުރަނިވި ހަތިޔާރު އުފައްދާފައިވަނީ ހުޅަނގުގެ އެހީތެރިކަމާއެކު އިސްރާއީލުން އުފައްދާފައިވާ ނިއުކްލިޔަ ހަތިޔާރުގެ ފުނިވަރުތަކާ ތިލަފަތް ހަމަކުރުމުގެ ގޮތުންނެވެ. މިހާރު އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ސޫރިޔާގެ ޚާރިޖިއްޔާއިން އިއްޔެ ބުނެފައިވަނީ އަހްލީ ހަނގުރާމައިގައި ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނެ ކަމަށާ ނަމަވެސް ޢިރާޤަށް އަރައިގަތް ގޮތަށް ބޭރުގެ ބާރެއް ނުވަތަ ބާރުތަކެއް ސޫރިޔާއަށް އަރައިގެންފިނަމަ އެބާރުތަކާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރަން ޖެހިދާނެ ކަމަށެވެ.
ސޫރިޔާގައި ހިނގަމުންދާ ލޭ އޮހޮރުވުންތަކުގެ ފަހަތުގައިވަނީ ރައީސް ބައްޝާރުލް އަސަދްގެ ވެރިކަމުގެ ނިޒާމާއި ހުޅަނގުގެ މަދަދާއި އެހީތެރިކަން ލިބިގެން ޙަރަކާތްތެރިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނެވެ. ހުޅަނގުން ސޫރިޔާގައި ހަމަނުޖެހުން އުފައްދުމަށް މަސައްކަތްކުރާއިރު ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުން ގެންދަނީ އޭނާގެ ޚުދުމުޚްތާރު ނިޒާމް ދިފާޢުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިދެފަރާތުގެ ކޯޅުންތަކުގެ ސަބަބުން ސޫރިޔާގައި އަހްލީ ހަނގުރާމައުފެދި ޤައުމާއި ރައްޔިތުންދަނީ ފަނާވަމުންނެވެ. -- ނޫސްއެޖެންސީތައް