19:00


މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ގޮސް ހަބީބް ބޭންކްގެ މެނޭޖަރަށް ހަމަލާދީ ފައިސާ އާއި ބައެއް ތަކެތި ފޭރިގެން ފިލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި މީހަކު މަރާލި މައްސަލައެއްގެ ދައުވާ ސާބިތުނުވެގެން ދޫކޮށްލާފައި ހުރި މީހެއް ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.


ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލީސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ ޕާކިސްތާނަށް އުފަން އުމުރުން 56 އަހަރުގެ މުހައްމަދު ޖާމިލް އަންޖުމްގެ ގެއަށް މިދިޔަ ބުދަ ދުވަހު ހަވީރު ގްރޫޕަކުން ގޮސް، އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، އޭނާގެ ވޮލަޓުގައި ހުރި ފައިސާތައް ފޭރިގެން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ހދ. ކުމުންދޫ، ރަވީނާ، އުމުރުން 19 އަހަރުގެ އަލީ ޝުޢައިބާއި، ގ. ކޮރަލްސީ، އުމުރުން 20 އަހަރުގެ އަބުދުﷲ އަސީލް މުހައްމަދާއި، ގ. ފެހިމާގޭ އުމުރުން 20 އަހަރުގެ އަބުދުﷲ މުހައްމަދު ކަމަށެވެ. ޖަމްޝީދު ވިދާޅުވީ އެ ތިން މީހުންގެ ތެރޭގައި ހިމެނޭ އަލީ ޝުޢައިބަކީ މީގެ ކުރިން ބިދޭސީއެއްގެ ބޮލުގައި ލަކުޑި ބުރިއަކުން ޖަހައި މަރާލިކަމުގެ ކުށްސާބިތުނުވެގެން ދޫކޮށްލާފައި ހުރި މީހެއް ކަމަށެވެ.


ޖަމްޝީދު އިތުރަށް ވިދާޅުވީ އެ މައްސަލައިގައި ފުރަތަމަ މީހާ އަތުލައިގަނެވުނީ ހާދިސާ ހިނގިތާ އަށް ގަޑިއިރު ފަހުން ކަމަށާއި އަދި ދެން ތިބި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމުން އެމީހުން ފޭރިގަނެގެން ގެންދިޔަ ފައިސާތައް ބޭނުންކުރަން ވަގުތު ލިބިފައިވާނެ ކަމަށެވެ. އެހެންވެ އެ މީހުން ގެންދިޔަ ފައިސާތައް އަދި މިހާތަނަށް ހޯދިފައިނުވާ ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.


އަންޖުމް ދިރިއުޅުއްވާ އެޕާޓްމަންޓަށް މިދިޔަ ބުދަ ދުވަހު ގްރޫޕަކުން ގޮސް، އޭނާ އަށް ހަމަލާދީ، އަނގަ އާއި އަތްފައި ބަނުމަށްފަހު ހަ ސަތޭކަ ޑޮލަރާއި ހަތަރު ހާސް ރުފިޔާ ވަނީ ފޭރިގަނެގެން ގެންގޮސްފަ އެވެ. އެ ހާދިސާއާ ގުޅިގެން އޭޑީކޭގައި ދެ ދުވަހަކު ފަރުވާ ހޯދެއްވުމަށްފަހު އަންޖުމް މިއަދު ވަނީ އަލުން އޮފީހަށް ނުކުންނަވައިފަ އެވެ.