މަރަށްމަރު ހިފުމަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ގޮތުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

މަރަށް މަރު ހިފުމަކީ އެމްޑީޕީން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ނޫސް ކޮންފަރެންސެއްގައި ހާމިދު މިއަދު ވިދާޅުވެފައި ވަނިކޮށް އެމްޑީޕީން މިރޭ ވަނީ ނޫސް ބަޔާނެއް އާންމު ކޮށްފަ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެފެއާޒް އެހެން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް ފެއިލްވެ އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވުމުން ކަމަށެވެ. ފޭލް ވެފައިވާ އެފަދަ ނިޒާމެއް އޮތް ދަނޑިވަޅެއްގައި މަރަށް މަރު ހިފަން ފަށައިފި ނަމަ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ވެދާނެތީ ކަމަށް ވެސް ބުނެފައި ވެއެވެ.

"[ހާމިދު އެހެން ވިދާޅުވީ] ޝަރުއީ ނިޒާމަށް ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލިފައި ވުމުން، މި ފަދަ ނިޒާމެއް އޮތް ދަނޑިވަޅެއްގައި މަރަށް މަރުހިފަން ފަށައިފިނަމަ އެކަމުގެ ސަބަބުން އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުން ގައުމަށް ކުރިމަތިވެ، ގައުމުގެ ހާލަތު އިތުރަށް ނުރައްކާ ވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް މި ޕާޓީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ މެނިފެސްޓޯ އެކުލެވިގެންވަނީ އިސްލާމީ ޝަރީއަތާ ޚިލާފު ނުވާ ގޮތަށް ކަމަށާއި ނޫސް ކޮންފަރެންސްގައި ހާމިދު މިއަދު ދެއްކެވި ވާހަކަތަކުން ބައެއް ނަގައިގެން އެމްޑީޕީ ބަދުނާމް ކުރަން މީޑިއާތަކުން ޚަބަރު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީގެ ނޫސް ކޮންފަރެންސްގައި ހާމިދު މިއަދު ވިދާޅުވެފައި ވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި މަރަށް މަރުހިފުމާ ދެކޮޅު ކަމަށާއި މަރަށް މަރު ހިފައިގެން ކުށް މަދުވާކަން ތަފާސްހިސާބުތަކުން ހާމަނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ މަރަށް މަރު ހިފުމަށް ތާއީދު ކުރާ ބައެއް ނޫން ކަމަށެވެ. -- އެމްޑީޕީގެ ފަރާތުން ހާމިދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިއަ އާދީއްތަ ދުވަހު ހަވީރު ކުރިޔަށް ގެންދިޔަ ސީދާ ކުއްލި ހަރަކާތުގެ މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކޮށް ފަސް ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައި ވަނިކޮށް ފުލުހުން ދޫކޮށްލުމުންނެވެ. --

"އަޅުގަނޑުމެންނަކީ ޑެތު ޕެނަލްޓީއަށް ތާއީދުކުރާ ބައެއް ނޫން! އަޅުގަނޑަކީ ހަމަޔަގީނުން ވެސް މަރަށް މަރު ހިފުމަށް ތާއީދުކުރާ މީހެއް ނޫން! ދުނިޔޭގައި ވަރަށް ގިނަ ގައުމުތައް އެބަ އޮތް އެހެން،" އޭނާ ވިދާޅުވި އެވެ.

މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގެ ހުކުމަކަށްްވާ އިރު އެކަމާ ދެކޮޅު ހައްދަވަނީ ކީއްވެތޯ ސުވާލު ކުރުމުން ހާމިދު ވިދާޅުވެފައި ވަނީ "ދީނީ ޑިބޭޓަކަށް ދާން ބޭނުމެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި މަރަށް މަރު ހިފުމާ ދެކޮޅު ހަދަންޖެހޭ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ގޮތް ވެސް ހިމެނޭ ކަމަށެވެ.