23 Jul 2012, 23:36
ފުލުހުންނާއި ސިފައިނަން ހަމަލާ ދިނުމަށް ގޮވާލުމާއި އެކަންކަން މީޑިޔާގައި ބްރޯޑްކާސްޓް ކުރަމުންދާ ދިއުމާ ގުޅުގިން ބްރޯޑްކާސިޓިން ކޮމިޝަނަށާއި އިލެކްޝަންސް ކޮމިޝަނަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ދައުލަތުން އަޅާނެ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ހަމަލާ ދިނުމަށާއި ފުލުހުންނާއި ސިފައިން މެރުމަށާއި ދިމާ ކުރުމަށް ޓާގެޓް ކޮށްގެން ވަކި ބަޔަކު މަސައްކަތް ކުރާއިރު ކެމްޕޭންތަކެއް ވެސް ހިންގާ ކަމަށެވެ.
"[އެކަން] ރާއްޖޭގެ މީޑިޔާ ތަކުން އެބަ ބްރޯޑްކާސްޓް ކޮށްދޭ މިއީ ފެކްޓެއް މިކަމަކަށް ދެކޮޅެއް ނުހެއްދެވޭނެ. އެހެރީ ޓްވީޓްތައް އެހެރީ ފޭސްބްކްގައި ހުރި މެޓީރިއަލް އެހެރީ އެކިއެކި ޖަލްސާތަކާ މުޒާހަރާތަކުގައި ދައްކާފައި ހުރި ވާހަކަތައް،" އާޒިމާ ވިދާޅުވި އެވެ.
މީހަކަށް އަނިޔާއެއް ކުރަން ގޮވާލުމަކީ ވެސް ޖިނާއީ ކުށެއް ކަމަށްވާއިރު މިހާތަނަށް އެކަން ކަމަށް ފިޔަވަޅު އެޅިފައި ނުވާ ކަމަށާއި އަދި އެވާހަކަތައް މީޑިޔާއަކުން ބްރޯޑްކާސްޓް ކުރުމުން އެކަންކަން ވެސް ހުއްޓުވެން ވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަކީ އެކަމުގެ ޒިންމާ އޮތް ފަރާތް ކަމަށްވާއިރު އެ މައްސަލަ ހުށަހަޅައިގެން އެތައް ދުވަހެއް ވީއިރުވެސް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. ސީޔާސީ ޕާޓީއަކުން އިސް ނަގައިގެން މިކަންކަން ކުރި އިރު ޕާޓީތަކުގެ ރެގިއުލޭޓާ، އިލެކްޝަންސް ކޮމިޝަނުން ވެސް އެކަމާމެދު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ގެނައި ޑިމޮކްރަސީގެ ހަމައަކީ މިއިން ކޮންމެ ކަމެއް ބަލަހައްޓަން މިނިވަން މުއައްސަސާއެއް އޮތުން، [އެ މުއައްސަސާތައް] އޮތީ ސަރުކާރުގެ ބެލުމުން ބޭރުގައި. ގާނޫނުތައް ހަދައިގެން ރާއްޖޭގެ ގާނޫނީ ދުސްތޫރީ އޮނިގަނޑުން ޑިމޮކްރަސީ ހަރުދަނާވީ ވަރުން، ރާއްޖޭގައި އެކުލަވާލެވިފައިވާ މިޑިޔާގެ ކުންފުންޏަކުން [ކޮން ކުންފުންޏެއް ކަމެއް ވިދާޅެއް ނުވޭ] މިހާވަރުގެ ބޮޑެތި ކަންތައްތައް ބްރޯޑްކާސްޓް ކުރަމުން ގެންދާއިރު ވެސް ފިޔަވަޅެއް އެޅެނީ ހަމައެކަނި ބްރޯޑްކާސްޓިން ކޮމިޝަނަށް، އެވެސް މިނިވަން މުސްތަގިއްލު މުއައްސަސާއެއް، ސަރުކާރަކަށް އެމީހުންގެ މައްޗަކަށް ބަހެއް ނުބުނެވޭ،" އާޒިމާ ވިދާޅުވި އެވެ. "ސިޔާސީ ޕާޓީތަކުން ވަކި ބަޔަކަށް ޓާގެޓް ކޮށްގެން ހަމަލާ ދިނުމަށް ގޮވާލަމުންދާއިރު އެވެސް ޖިނާއީ ކުށެއް. އެއަށް ވެސް ފިޔަވަޅު އެޅެނީ މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނަށް އެބޭފުޅުން ކަމެއް ނުކުރެއްވިޔަސް ކުރެވޭ ކަމެއް ނޯވޭ އެހެންވީމާ ދައުލަތުގެ ބާރުވެރިކަން ނައްތާލެވިފައިވާ ޑިމޮކްރަސީއެއްގެ ވާހަކަ މިދެކެވެނީ،"
އާޒިމާ -- ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު -- ވިދާޅުވީ މި މައްސަލައިގައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ދައުލަތަށް މަދު ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އުސް ފަސްގަނޑު ނަގަން ކުރަންޖެހޭ ގާނޫނީ މަސައްކަތާއި ދެ ކޮމިޝަނާ ދޭތެރޭގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"މިހާރު އޮތް ދުސްތޫރީ ނިޒާމުގެ ތެރެއިން ކަން ކުރަންޖެހޭ ބަޔަކު ޒިންމާ ނަގަންޖެހޭ ބަޔަކު ޒިންމާ އަދައެއް ނުކުރޭ! އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ. އެ ފިޔަވަޅު އަޅަން ސަރުކާރުން ކުރަންޖެހޭ ގާނޫނީ ދިރާސާތައް އަޅުގަނޑުމެން ކުރާނަން މިދެންނެވި ދެ ކޮމިޝަންގެ މައްސަލަ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން އަދި އިތުރަށް އެ ދެ ކޮމިޝަނާ ބެހޭ ގޮތުން ޝަރުއީ ނިޒާމުގެ ތެރެއިން ވެސް އަޅަންޖެހޭ ފިޔަވަޅެއް އަޅަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެކަން ކުރާނެ،" އާޒިމާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައި މިނިވަން މުއައްސަސާތަކެއް އުފެދި ޑިމޮކްރަސީއަށް ޖާގަ ދިނުމުން އެއާ އެއްގޮތަށް ދައުލަތް ނުހިނގި ކަމަށައި ރައްޔިތުންގެ ހައްގުތައް ވެސް ކަށަވަރުކޮށެއް ނުދެވުނު ކަމަށެވެ. ހުރިހާ ބާރެއް ސަރުކާރުން ނަގައި މިނިވަން މުއްސަސާތަކާ ހަވާލުކުރީ އެކަށީގެންވާ ޑިމޮކްރަސީއެއް ގެނެސް ރައްޔިތުންގެ ރައްކާތެރިކަން ހޯދައި ދިނުމަށް ކަމަށް ވިޔަސް އެ ފަންކަޝަންތަކުގެ ތެރެއިން އެކަން ނުކުރެވޭނެމަ ސަރުކާރަށް ވެސް ކުރެވެންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމަކު އެއީ ގާނޫނީ އޮނިގަނޑުގައި ވަރަށް ދަތިކޮށް އޮތް ކަމެއް ކަމަށެވެ.
"ވަރަށް ދަތިކޮށް އޮތް ކަމެއް އެއީ. މިސާލަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ކޮން ޔަގީން ކަމެއް އޮތީ މި މައްސަލައިގައި ފިޔަވަޅެއް އެޅޭނެ ކަމަށް. އެހެން ނަމަވެސް އެއާ ދޭތެރޭ އަޅަންޖެހެން ގާނޫނީ ފިޔަވަޅެއް އެޅުމަށް ސަރުކާރުން... [ފަހެއް ނުޖެހޭނެ]. ރޭގެ މަރަށް [ލާންސް ކޯޕްރަލް އާދަމް ހަލީމްގެ މަރާލި ހާދިސާއަށް] ބަލާއިރު ވަރަށް ފިންގާ ޕޮއިންޓް ކުރަންޖެހޭ ދެ މުއައްސަސާގެ ވާހަކަ މި ދެންނެވީ އެއީ ބްރޯޑް ކާސްޓީން ކޮމިޝަނާ އިލެކްޝަންސް ކޮމިޝަން. މިހިސާބަށް މިކަން ދިޔައިރު ކޮންމެވެސް ބައެއްގެ އިހުމާލު އޮންނަން ޖެހޭ، އެބައޮތް. އެހެންވީމާ އެ އަޅަން ޖެހޭ ފިޔަވަޅު ވެސް އަޅަންޖެޙޭ،"
އާޒިމާ ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ނުކުރެވޭ ކަމަށް ވާނަމަ ޑިމޮކްރަސީގެ ބޭނުމެއް ނެތް ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު މިނިވަން މުސްތަގިއްލު މުއައްސަސާތައް މުސްތަގިއްލު ކުރުމަކީ ދައުލަތަށާއި މުޅި ރާއްޖެއަށާއި ރާއްޖޭގެ ދުސްތޫރީ ނިޒާމަށް އޮތް ރަނގަޅެއް ކަމަށް ގަބޫލު ކުރަން ދަތިވެއްޖެ ކަމަށެވެ.
މިމޭރުމުން އާޒިމާ ވާހަކަފުޅު ދެއްކެވި އިރު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު ނާޅާ ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ކޮމިޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އިލެކްޝަނަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އާންމު ކުރި ބަޔާނުގައި ބުނަނީ ބްރޯޑްކާސްޓް ކުރަނީ، ގާނޫނާއި ގަވާއިދު އަދި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށްތޯ އަބަދުވެސް އެ ކޮމިޝަނުން ބަލާ ކަމަށެވެ. އަދި އެއާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނުގެ ހުދޫދުގެ ތެރެއިން ފިޔަވަޅާ ކަމަށެވެ. އަދި ބުނެ އެވެ:
"ގައުމުގައި ސިޔާސީ ނުތަނަވަސްކަމާއި ހަލަބޮލިކަން އުފެއްދުމަށް މަގުފަހިވާ ގޮތަށް ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަމުންދާކަން މި ކޮމިޝަނަށް ފާހަގަ ކުރެވުމާ ގުޅިގެން އެ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ވާނީ ފިޔަވަޅު އަޅައިފަ އެވެ،"