23 Jul 2012, 20:48
އެމްބީސީގެ އިސްވެރިއަކަށް، ބަޔަކު މަގުމަތިން ދިމާކޮށް މާރާމާރީ ހިންގައި އިންޒާރުތައް ދީފައިވާ ކަމަށް އެމްއެންބީސީން ބުނެފި އެވެ.
ރާއްޖޭގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގެ ޚިދުމަތް ދެމުން އަންނަ އެމްބީސީން ބުނީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު އެ ސާވިސްގެ ނިއުސް ޑިޕާޓްމަންޓުގެ ވެރިޔަކަށް މިދިޔަ ހުކުރު ދުވަހުގެ ހަވީރު ދިމާކޮށް އޭނާ ވަށާލައި ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް، މާރާމާރީ ހިންގައި އިންޒާރުތައް ދީފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަންް ނުވަތަ ނޫން ކަން އަދި ސާފެއް ނުވެއެވެ.
ޓީވީ އެމާއި ދިވެހިރާއްޖޭގެ އަޑުގެ ބެލެނިވެރިޔާ އެމްބީސީގެ މުވައްޒަފަށް ހަމަލަދިން މައްސަލަ ކުށްވެރިކޮށް މިއަދު ނެރެފައިވާ ބަޔާނުގައި އަދި ބުނެފައި ވަނީ މުޒާހަރާތަކާއި އެއްވުންތަކުގައި އެ ކޯޕަރޭޝަނުގެ ރިޕޯޓަރުންނަށް ހުރަސްއަޅައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންވާފަދަ ޢަމަލުތައް ތަކުރާރުވަމުންދާ ކަމަށެވެ.
އެމްބީސީގެ ވެރިޔަކަށް ހަމަލަދިން މައްސަލަ ކުށްވެރިކޮށް ނެރުނު އެ ނޫސްބަޔާނުގައި އަދި ބުނަނީ ރާއްޖޭގެ
ސިޔާސީ ހަލަބޮލި މި ދުވަސްވަރު ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން އަކީ ރާއްޖޭގައި އަލަށް ތައާރަފްކުރާ ކޮންސެޕްޓެއް ކަމަށާއި އެ ކޯޕަރޭޝަނުން ވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.