ކާށިދޫން: އަހުމަދު ނާއިފު

މިރަށުގެ އެއްވެސް މީހަކަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އެކަމަކު ރޭ 12:30 އެހަކަންހާއިރު އަނިޔާވެރި ގޮތަކަށް ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލުމާއެކު މިރަށަށް ވެރިވީ ބިރުވެރި ކަމެކެވެ. އެއްވެސް ބަލައިލުމެއް ނެތި ބައިމަތިން ވާތް ފަރާތު މެޔަށް ބޮޑު ވަޅި އަމާޒުވެގެން ދިޔަތާ ކުޑައިރުކޮޅެއް ނުވެ އެޑަމް ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

"އަހަރެން ގަބޫލެއް ނުކުރަން، މީހަކު ވަޅިޖަހައިގެން މަރުވެއްޖޭ ބުނީމަ ދިޔައީ ފުރަތަމަ ވެސް ދިޔައީ ސިއްސައިގެން،" ހަލީމްގެ މަރުގެ ހަބަރު ގަބޫލު ކުރަން ދަތިވެފައި ހުންނެވި މިރަށު ކައުންސިލްގެ ރައީސް އަލީ ސުލްތޯން ވިދާޅުވި އެވެ. "ކިހިނެތް ގަބޫލު ކުރެވޭނީ ސީޔާސީ ކަންކަން އެންމެ ހޫނުވެގެން ދިޔައިރުވެސް މިރަށުގައި އެފަދަ ޖަރީމާއެއް ނުހިންގާ،"

ހަލީމްގެ މަރަށްފަހު މިރަށުގެ އެންމެންގެ މޫނު މަތިން ވެސް ފެނުނީ ހިތާމައާ ކަންބޮޑުވުމެވެ. "އެހެނެއް ނުވާނެއޭ، އޭނާ މަރެއް ނުވެއޭ!" ބުނާ ކަހަލަ އެވެ.

ހަލީމް ގަޔަށް ވަޅި ހަރާ ޒަހަމްކޮށްލުމާއެކު އޭނާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައީއްސުރެ މިރަށުގެ މީހުން ތިބީ ކޮޅަށް ޖެހިފައެވެ. ފަތިސްވެ އިރު އެރިއިރު ވެސް އަންހެނުންނާއި މުސްކުޅިންނާއި ފިރިހެނުންނާއި ކުޑަދިންވެސް ތިބީ މަގުމައްޗަށް ނުކުމެ އެވެ. ގާތްގަނޑަކަށް އެންމެންގެ ލޮލުން ކަރުނަ ހިލެމުން ދިޔައިރު، މޫނު މަތިން ވެސް ފެނުނީ ހާސް ކަމާއި ހިތާމަ އެވެ. އަތުރާފައި ހުރި ބުދުތަކެއް ފަދައި ގުޑިލާން ވެސް ނޭނގިފަ އެވެ.

ސިއްހީ މަރުކަޒަށް އެއްވެފައި އޮތް ރަށުގެ ރައްޔިތުންނަށް ކުރެވޭ ސުވާލަކީ ވެސް މިވީ ކިހިނެއް ހެއްޔޭ އެވެ؟ ސުވާލެއް ކުރުމުން ބުނަނީ ހަލީމް މަރާލީ އޭ އެވެ.

"އޭނާއަށް ހަމަލާދޭން ޖެހޭ ސަބަބެއް އަހަރެމެންނަކަށްވެސް ނުވިސްނޭ،" މިރަށުގެ ޒުވާނަކު ބުނެލި އެވެ. ދެން "އެއީ ހިތްވަރު ގަދަ މީހެއް" ކަމަށް ބުނެފައި ރޮއި ގަތެވެ.

ހަލީމްގެ މަރާ ގުޅިގެން ރަށަށް ބޮޑު މާޔޫސް ކަމެއް ވެރި ކުރުވި އިރު އޭނާގެ ބައްޕަ އާއި މަންމަގެ ހާލު ވެސް ދެރަ އެވެ. އެ ދެ މަފަރިންގެ ތެރެއިން ހަލީމްގެ މަންމަގެ ހާލު ހާދިސާއާ ހަމައިން އެއް ގޮތަކަށް ވެސް ހަމައަކަށް ނޭޅެ އެވެ. އާއިލާ އެންމެން ވެސް ތިބީ ފެންކަޅިވެފަ އެވެ.

"މި ރަށު މީހަކު އޭނަޔަށް އެހެން ހަނދާނެ ކަމަށް އަހަރުމެން ގަބޫލުވެސް ނުކުރަން،" ހަލީމްގެ ބޮޑުބޭބެ ބުންޏެވެ.

ހަލީމްގެ މަރާއިއެކު އާއިލާއަށާއި ރަށަށް ކުއްލި ޝޮކެއް" ލިބިފައިވާއިރު ހަލީމްގެ ކައިވެންޏަށްވީ އަދި ދޮޅު އަހަރެވެ. ދަރިފުޅަށް ތިންމަހެވެ. އެހެންކަމުން އާއިލާއަށް ޝޮކެއް ނުލިބޭންވީ ސަބަބެއް ވެސް ނެތެވެ. ހަލީމާ ގުޅޭގޮތުން ރަނގަޅު ބަހެއް ނޫނީ ނުއިވެ އެވެ. އެންމެންވެސް ރޮއިފައި ބުނަނީ އެއީ "ރަނގަޅު ޒުވާނެކޭ" އެވެ.

"ރަށަށް އެ ގެއްލުނީ އަގުހުރި ދަރިޔެއް، އޭނާގެ ހިދުމަތުގެ އަގު އަހަރުމެންނަށް ވަޒަންވެސް ނުކުރެވޭނެ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހަލީމްގެ ހަދާންތައް ކާށިދޫ އާއި މުޅި ރާއްޖެއަށް ފެތުރިގެންދާއިރު އެންމެން ބޭނުންވަނީ މަރަށް އިންސާފު ހޯދުމަށެވެ.