ހުސްވެފައިވާ ބާސްކެޓް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިބްރާހީމް ނަޒީމް އަދި ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހިރިޔާ އަލީ ނިޔާޒު ހަމަޖައްސައިފި އެވެ.

ބާސްކެޓްގެ ޖެނެރަލް ސެކެރެޓަރީގެ މަގާމު ހުސްވީ އެމަގާމުގައި ގިނަ އަހަރުތަކެއްވަންދެން ހުރި ރެފްރީ އަބުދުﷲ އާމިރު (އައްލޯ އާމިރު) ނާއިބް ރައީސް ކަމަށް ވާދަކުރައްވައި ނާކާމިޔާބުވުމުންނެވެ. އައްލޯ އަކީ 80ގެ އަހަރުތަކުގައި ވެލެންސިއާގެ ފުޓްބޯޅަ ޓީމުން ވިދާލި ކުރީގެ އެއްވަނަ މިޑްފީލްޑަރެވެ.

ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް އެންމެ ފަހުގެ އިންތިހާބުގައި ނާއިބް ރައީސަކަށް ހޮވުމުންނެވެ.

ބީޗްވޮލީ ރެފްރީ ނަޒީމަކީ ކުރިން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެނޫން ވެސް ގިނަ މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ފާއިތުވެދިޔަ ދެތިން އަހަރެއްގައި އޭނާ ހުންނެވީ އަމިއްލަ މަސައްކަތުގަ އެވެ. ހިރިޔާ ނިޔާ އަކީ ހިންނަވަރު ހިރިޔާގެ ޗެއާމަން އަދި ވިކްޓަރީގެ ބޯޑު މެމްބަރެކެވެ. އޭނާގެ ޗެއާމަން ކަމުގައި ހިރިޔާ ވަނީ ފުޓްބޯޅަ އާއި ވޮލީ އަދި ކްރިކެޓްގައި ގިނަގުނަ ކާމިޔާބުތަކެއް ހޯދައިފަ އެވެ.