23 Jul 2012, 17:05
ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ލާންސް ކޯޕްރަލް އާދަމް ހަލީމް ގަޔަށް ވަޅިހަރައި މަރާލުމުން އެކަން އެމްޑީޕީގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި އަދި މަރަށް މަރު ހިފުމަކީ އެމްޑީޕީން ތާއީދު ކުރާ ކަމެއް ނޫން ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެޕާޓީގެ ސްޕޯކްސް ޕާސަަން ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ "އަޅުގަނޑުމެން މިތިބީ ބަޣާވާތެއްގެ ތެރޭގައި" ކަމަށާއި މި ދަނޑިވަޅަކީ ފުލުހުންނާއި ސިފައިންނާ ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދިފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި ހަލީމު މަރާލުމުގެ އިލްޒާމް އެމްޑީޕީ ވިޔަސް އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ނަފްރަތު އުފެދިފައިވާ ބައެއް ސަލާމަތީ ބާރުތަކަކީ. އެކަމާ މިކަމާ ގުޅުވުމަކީ ރަނގަޅު ކަމެއް ނޫން. އެކަމަކާ މިކަމާ ގުޅުމެެއް ނެތް. އޭގެ ސަބަބުން މިކަހަލަ ކަންކަން މެދުވެރިވުން އެއީ ވެދާނެ ކަމެއް. އެކަމަކު އެއްވެސް އިރެއްގައި ސިޔާސީ ޕާޓީއަކުން މީހުން މެރުމުގެ ވާހަކަ ދެއްކުމަކީ އެއީ އެއްވެސް އިރެއްގައި ހިނގަމުންދާ ކަމެއް ނޫން،" ހާމިދު ވިދާޅު ވިއެވެ.
އޭނާ ވިދާޅުވީ ޑިއުޓީއަށް ދަނިކޮށް ހަލީމް މަރާލުމަކީ އެއީ އެޕާޓީން ވަރަށް ހިތާމަ ކުރާ ކަމެއްކަމަށާއި އެއީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ރޭގަ ރާއްޖޭގެ ފުލުހެއް މަރާލައިފަ އޮތްކަމަށް އަޅުގަނޑުމެންނަށް ޚަބަރު މިލިބެނީ. އެއީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާކަމެއް. އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން އެއީކީ. އެ މަރުހޫމަށް ސުވަރުގޭގެ ނިއުމަތަށް އެދެން،" ހާމިދު ވިދާޅުވި އެވެ.
ރާއްޖޭގައި މަރަށް މަރު ހިފުން ގާއިމް ކުރުމަށް ގިނަ ބަޔަކު އެދެމުންދާ މިދަނޑިވަޅުގައި ހާމިދު ވިދާޅުވި އެކަމަކީ އެމްޑީޕީން ކަނޑައެޅިގެން ދެކޮޅު ހަދާކަމެއް ކަމަށެވެ. ވިދާޅުވީ މަރަށް މަރު ހިފުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންނަ ކަމެއްކަމަށް ވާއިރު އެ ގައުމުތަކުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުން މީހުން މެރުން މަދުވެފައިވާކަމަށް ތާފާސް ތަފާސް ހިސާބުތަކުން ނުދައްކާ ކަމަށެވެ.
"[މަރަށް މަރު ހިފުމަކީ] ކަނޑައެޅިގެން އަޅުގަނޑުމެން އެކަމާ ދެކޮޅު، އަޅުގަނޑުމެންނަކީ ޑެތް ޕެނަލްޓީއަށް ތާއިދު ކުރާ ބައެއް ނޫން. ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް އެބައޮތް [މަރަށް މަރުހިފުން]. ތަފާސް ހިސާބުތަކުން ދައްކާފަ ނެތް އޭގެ ސަބަބުން މެރުން މަދުވާކަމަކަށް. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން އެއީކީ،" ހާމިދު ވިދާޅުވި އެވެ.
އިސްލާމީ ޝަރީއަތުގައި މަރަށް މަރުހިފުމަކީ ފަރުޟު ކުރައްވާފައިވާ ކަމެއްކަމަށް ވާއިރު އެކަމަށް ތާއީދު ނުކުރައްވަނީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ހާމިދު ވިދާޅުވީ ދީނީ ބަހުސްއަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށާއި އެމްޑީޕީން ދައްކަނީ އިހުސާންތެރިކަމުގެ ވާހަކަ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މީހުން މެރުން އިތުރުވެފައި މިވަނީ "ރާއްޖޭގެ ވެރިކަމުގެ ބާރު ގެއްލި" ރާއްޖެއަށް މިހާރު ދިމާވެފައި އޮތް ހާލަތުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތްތާގަ ވެސް މީހުން މެރުމުގެ ކަންތައް ނުހިނގާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"ކުރިއަށް އޮތްތާގަވެސް މިބާވަތުގެ ކަންކަން [ގަސްތުގައި މީހުން މެރުން] ނުހިނގާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ހާމިދު ވިދާޅުވި އެވެ.