23 Jul 2012, 16:17
ލާންސްކޯޕްރަލް އާދަމް ހަލީމް ގަޔަށް ވަޅި ހަރައި މަރާލި ހާދިސާއާގުޅޭ އެއްވެސް މީހަކު ސަލާމަތްވެގެން ހުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި އެ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެންދާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
~
ސަންއަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ރޭ ވިދާޅުވީ ފުލުހުންނަށް ދެމުންދާ ހަމަލާތަކަށްފަހު ފުލުހަކު މަރާލިޔަސް، ސިފައިންނާ ފުލުހުންގެ ހިއްވަރު ބަލި ނުކުރެވޭނެ ކަމަށާއި އެފަދަ އަމަލްތައް ހިންގާ ފަރާތްތައް ވީއެންމެ އަވަހަކަށް ޝަރީއަތުގެ ކުރިމައްޗަށް ގެންދާނެ ކަމަށެވެ. ފުލުހުންނާއި ސިފައިންގެ މަސައްކަތަށް ހުރަސްއެޅުމަށް އެމްޑީޕީން ހިންގާ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ ސިފައިންނާ ފުލުހުންގެ އަބުރަށް އަރައިގަންނާނީ ސިޔާސީ ގޮތުން ގޮތް ހުސްވުމުން ކަމަށެވެ.
"މިފަދަ ކުށްތައް ކުރާ ފަރާތްތައް އަވަހަށް ހޯދައި އެފަރާތްތަކަށް އަދަބު، ކަނޑައެޅޭނެ ކަމީ ޔަގީން ކަށަވަރު ކަމެއް. މިކަންތައްތައް ނުބަލައި އަޅުގަނޑުމެން ދުލެއް ނުކުރާނަން. ހަމަ އެއްވެސް ފަރާތަކުން މިކަމުގައި ސަލާމަތްވެގެން ތިބެވޭނެ ކަމަކަށް ހީކޮށްގެން ވެސް ނުވާނެ،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަލީމްގެ މަރުހެ ހާދިސާ ވީ އެންމެ ބާރު މިނެއްގައި ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްޗަށް އަދަބު ކަނޑައެޅޭނެ ކަމީ ކަށަވަރު ކަމެއް ކަމަށެވެ.
ހަލީމްގެ މަރާ ގުޅިގެން ޑރ. ޖަމީލް ވަނީ އާއިލާއަށް ތައުޒިއާ ދެންމެވުމަށް ހަލީމްގެ ބައްޕަ އަހުމަދު ހަލީމަށް ރޭ ގުޅުއްވާފަ އެވެ. ޖަމީލު ވިދާޅުވީ އާއިލާއިން ދެ ކަމަކަށް މިނިސްޓްރީގައި އެދުނު ކަމަށާއި އެގޮތުން ހަލީމް މަރާލި މީހުން ގާނޫނުގެ ކުރިމައްޗަށް ހާޒިރުކޮށް، މަރަށް މަރު ހިފުން ކަމަށް އޭނާގެ ބައްޕަ އެދުނު ކަމަށެވެ.
"އަޅުގަނޑު ކައިރީގައި އެބޭފުޅާ ވިދާޅުވި ތިމަންނަ ބޭނުންވަނީ މިއަމަލު ހިންގި ފަރާތްތަކުގެ މައްޗަށް މަރަށް މަރު ހިފުމޭ. އެހެންވީމަ ޝަރީއަތް އަވަސް ކުރެވި އަދަބުގެ މަރުހަލާތަކާ ހަމަޔަށް ދެވޭތޯ އަޅުގަނޑުމެން ފުރަތަމަ ކަމަކަށް، އޮތީ" މިނިސްޓަރު ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުން ގާނޫނު ބުނާގޮތަށް މަރުހޫމްގެ އާއިލާއަށް ދޭންޖެހޭ މާލީ އިނާޔަތްތައް ދިނުމުގެ އިތުރުން ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބައިލައި ބޭނުންވާ ކަންތައްތައް އާއިލާއަށް ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ވާޖިބު އަދާ ކުރެއްވުމަށް ޑިއުޓީއަށް ދަނިކޮށް ހަލީމްގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހަރައި މަރާލި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ކާށިދޫއިން މީހަކު ހައްޔަރުކޮށްފަ އެވެ.
އޭނާގެ މަރުގެ ހާދިސާ ސަރުކާރާއި ސިޔާސީ ޕާޓީތަކުން ދަނީ ކުއްވެރި ކުރަމުންނެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަލީމް މަރާލި މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށެވެ. އަދި ރަހުމް ކުޑަ ގޮތަކަށް ހަލީމް މަރާލުން އެމްޑީޕީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ.