00:00


ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރުކަމުން މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ގޮވާލައްވައިފި އެވެ.


އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، ރިޝްވަތާއި ކޮރަޕްޝަނުގެ ތުހުމަތުގައި ޔާމީން ތަހުގީގަށް ހައްޔަރުކުރި ފަހުން ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބަދަލުހިފުމުގެ ރޫހެއްގައި އެމްއެންޑީއެފް އާއި ޕޮލިސް ފަހާދުވުމަށް ޔާމީން ކުރައްވާ މަސައްކަތް ދުވަހަކު ވެސް ކާމިޔާބުނުވާނެ ކަމަށް މޫސަ ވިދާޅުވި ކަމަށް އެމްޑީޕީން ބުނެ އެވެ.


ރާއްޖެއަށް ބޭރު ބަޔަކު ހަމަލާދޭން އުޅޭކަމުގެ އިންޒާރުދީފައިވާ ގޮތް ނޭނގޭ ސިޓީއެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްގެ ގެއަށް ލިބިފައިވާ ކަމަށް ވިދާޅުވެ، އެސިޓީގެ ހަގީގަތް ނުބަލާ ގައުމީ ދިފާއީ ބާރުގެ ބޭފުޅުންނާއި ފުލުހުންގެ ވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އުޅެނީ އެ ދެ މުއައްސަސާގެ އަގުވައްޓާލުމުގެ މަކަރުވެރި ރޭވުމުގެ ދަށުން، ޔާމީން ހަސަދައެއް ފިލުވާލައްވަން ކަމަށް ވެސް މޫސަ ވިދާޅުވި ކަމަށް އެމްޑީޕީން ބުނެ އެވެ.


މިކަމާ ގުޅިގެން ޔާމިންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.