23 Jul 2012, 15:44
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފެބުރު އަރީ ހަތްވަނަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި އެއްވެސް ވަރަކަށް، އެއްވެސް ބަޔަކު މަޖުބޫރުކޮށްގެން އިސްތިއުފާ ދެއްވާ ކަމަށް ވިދާޅުނުވާ ކަމަށް އޭރުގެ ފިޝަރީޒް މިނިސްޓަރު، އަދި މިހާރު ޖުމުހޫރީ ޕާޓީގެ ރައީސް ޑރ. އިބުރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.
ރޭ ޖުމުހުރީ ޕާޓީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީޑީ ވިދާޅުވީ ރައީސް ނަޝީދުގެ އެންމެ ފަހުގެ ކެބިނެޓް މީޓިންގައި ޑީޑީ ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އެ ދުވަހު މީޓިންގައި ފުލުހުން ވެސް އަދި އެމްއެންޑީއެފްގެ އެއްވެސް ބޭފުޅަކު ވެސް ނަޝީދަށް މަޖުބޫރު ކޮށްގެން، ބިރުދައްކައިގެން އިސްތިއުފާ ދެއްވަނީ ކަމަށް ވިދާޅުނުވާ ކަމަށެވެ.
"ހަތެއް ފެބުރުއަރީގައި ބަޔަކު ބަޣާވާތެއް ހިންގާފައިވާ ކަމަށް އަޅުގަނޑުމެންނަށް ފެންނާކަށެއް ނެތް. އެ ވިދާޅުވާ ހަތެއް ފެބުރުއަރީގައި ވެރިކަމުން ފައިބައި ވަޑައިގެންނެވި ބޭފުޅާ އިސްތިއުފާ ދެއްވި އިރު އެންމެ ކައިރީގައި ހުރި އެކަކީ އަޅުގަނޑު. ހަމަ ތަކުރާރުކޮށް މިދަންނަވަނީ ކެބިނެޓްގެ ބައްދަލުވުމުގައި ވެސް އެބޭފުޅާ [ނަޝީދު] އެއްފަހަރު ވެސް ވިދާޅެއް ނުވޭ ތިމަން މަނިކުފާނަށް ސިފައިންގެ ފަރާތުން ވެސް، ފުލުހުންގެ ފަރާތުން ވެސް އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ ބިރު ދެއްކުމެއް ނުވަތަ އެހެން ގޮތަކަށް ވެސް މަޖުބޫރުކަމެއް އޮވެގެންކަމަށް އިސްތިއުފާ ދެއްވަނީއަކީ،"
ޑީޑީ ވިދާޅުވީ އެއްވެސް ބަޔަކު މަޖުބޫރު ކޮށްގެން އިސްތިއުފާ ދެއްވިކަމަށް ކެބިނެޓް މީޓިންގައި ރައީސް ނަޝީދު ވިދާޅުވެފައިނުވާތީ އެމަނިކުފަނު އިސްތިއުފާ ދެއްވީ މަޖުބޫރުކޮށްގެން ކަމަށް އަދި ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ނޭޝަނަލް އިންކްއަރީ ކޮމިޝަނުގެ މަސައްކަތް ނުނިމެނީސް ވަކި ބަޔަކު ވެރިކަމުގައި ތިބީ ބަޣާވާތެއް ގެނެސްގެން ކަމަށް އެމްޑީޕީއަށް ނުބުނެވޭނެ ކަމަށެވެ.
އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑީޑީ ވިދާޅުވީ އެމްޑީޕީން މަގުމަތީގައި ހިންގާ ހަރަކާތްތައް އެ ހިންގަނީ ކޮން ހައިސިއްޔަތަކުންކަން ބުނެދޭން އުނަދަގޫ ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވަނީ ދެ މިންގަޑަކުން ކަމަށް ވިޔަސް އެމްޑީޕީން މަގުމަތީގައި ހަރަކާތްތެރިވަނީ ކޮން ހައިސިއްޔަތަކުން ކަން އެގެން ނެތް ކަމަށެވެ.
"މަގުމަތީގައި ހަޅޭއް ފަޅޭއް ޖަހާ ފަރާތްތަކުން އެކަން ކުރަނީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭނގޭ. ދުނިޔޭގެ ހުރިހާ ތަނެއްގައި ސިޔާސީ ޕާޓީތައް ހަރަކާތް ތެރިވަނީ ދެ މިންގަނޑެއްގައި. އެއް ގޮތަކީ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން. އަނެއް ގޮތަކީ އޮޕޮޝިޒަން ޕާޓީގެ ގޮތުން ހަރަކާތް ތެރިވުން. މިއަދު މަގުމަތީގައި ހަރަކާތްތެރިވާ ބޭފުޅުން ނޭނގެ ކޮން ހައިސިއްޔަތަކުން ކަމެއް ހަރަކާތް ތެރިވަނީ! އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމެއް ފެންނާކަށް ނެތް! ހަމަގައިމުސް ވެސް ވެރިކަން ކުރާ ޕާޓީއެއްގެ ގޮތުގައި ހަރަކާތް ތެރި ނުވާކަން އެބަ ސާބިތުވޭ،" ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޣާވާތޭ ކިޔައިގެން އެމްޑީޕީއަށް ވާހަކަ ދެކެވެން ނޯންނާނެ ކަމަށާއި އެމްޑީޕީގެ ތިން ރައީސުން ވެސް ޕާޓީން ދުރުކޮށްފައިވަނީ ތަފާތު އެކި ގޮތްގޮތަށް ބަޣާވާތް ކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ ތާރީހަށް ބަލާލީމާ ރާއްޖޭގައި ބަޣާވަތް ކޮށްފައިވަނީ ކޮންކޮން ބައެއްކަން ތާރީހުން ފެންނަން އޮތް ކަމަށެވެ.