17 Apr 2025, 08:53
އިންޑިއާގެ މަގުބޫލު ރިއަލިޓީ ޝޯ 'ބިގް ބޮސް ސީޒަން 7' ކާމިޔާބުކުރި މޮޑެލް އަދި ބަތަލާ ގައުހަރު ޚާން ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.
ގައުހަރުއާއި ފިރިމީހާ ޒައިދު ދަރުބާރު މި ޚަބަރު އިއުލާނުކޮށްފައިވަނީ ދެމަފިރިން އެކީގައި ކުޅެފައިވާ އިންސްޓަގްރާމް ވީޑިއޯއެއް މެދުވެރިކޮށެވެ.
ދެމަފިރިން އެކީގައި ވަރަށް އުފާވެރި އަދި މަޖާ ވަގުތުތަކެއް ދައްކުވިއިދިން މި ވީޑިއޯއާ އެކު ގައުހަރުއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ގައުހަރުގެ ދެމަފިރިންނަށް މަރުހަބާގެ މެސެޖުތަކެއް ފޮނުވާފައެވެ. މި ވީޑިއޯ ޕޯސްޓުކުރުމަށް ފަހު ގައުހަރު ބުނެފައިވަނީ އެ އާއިލާއަށް ހުރިހާ އެންމެންގެ ވެސް ހެޔޮ ދުޢާ މި ވަގުތު ބޭނުންވާ ކަމަށެވެ.

ގައުހަރު ފިރިމީހާ ޒައިދްއާ އެކު މިދިޔަ އަހަރު ޢުމްރާގެ އަޅުކަމުގައި. މި ދަތުރުގައި ބަތަލާ ވަނީ ފުރަތަމަ ފަހަރަށް އަލަތު ދަރިފުޅު ޒީހާންގެ ފޮޓޯ އާއްމުކޮށްފައި--ފޮޓޯ/މިޑްޑޭ
ބައެއް ޓީވީ ސިލްސިލާތަކުން ވެސް ފެނިފައިވާ ގައުހަރާއި ޒައިދު ކައިވެނިކޮށްފައިވަނީ 2020ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25ގައެވެ. ރިޕޯޓުތައް ބުނާގޮތުން ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ ކޮވިޑާ ގުޅިގެން އައި ލޮކްޑައުންތެރޭ ބާޒާރުކުރަން ނުކުމެ އުޅުމުގެ ތެރޭގައެވެ.
ގައުހަރުއާއި ޒައިދުއަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި 10ގައެވެ. ދެމަފިރިންގެ އަލަތު ދަރިފުޅަކީ މިހާރު އުމުރުން ތިން އަހަރުގެ ޒީހާނެވެ.
ކައިވެންޏަށް ފަހު ގައުހަރު ވަނީ އޭނާގެ ދިރިއުޅުމުގެ ކަންކަން ވަރަށް ޕްރައިވެޓްކޮށް ބޭއްވުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. ޚާއްސަކޮށް އަލަތު ދަރިފުޅުގެ ފޮޓޯ ނުނެގުމަށް މީޑިއާ ރިޕޯޓަރުން ގާތު ގައުހަރުގެ ދެމަފިރިން ވެސް ވަނީ ބުނެފައެވެ.
ދަރިފުޅު ޒީހާންގެ ފޮޓޯއެއް އެންމެ ފުރަތަމަ ފަހަރަށް ގައުހަރު އާއްމުކުރީ މިދިޔަ އަހަރު އާއިލާއާ އެކު ކުރި ޢުމްރާ ދަތުރުގައި މައްކާގައެވެ.