23 Jul 2012, 15:10
ސަލާމަތީ ބާރުތަކަށް ހަމަލާދޭން ހިތްވަރުދީ އެމްޑީޕީން ޖަލްސާތަކުގައި ދައްކާ ވާހަކަތަކާއި މެދު ފިޔަވަޅު ނާޅާ ކަމަށް ބުނެ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަހްމަދު ނިހާނު ހަސަން މަނިކު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ފުލުހުނާއި ސިފައިނަށް ހަމަލާ ދޭން އެކި ފަހަރުގެ މަތީން ގޮވާލާއިރު އެކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅެއް އެޅިތަން ފެނިފައި ނުވާ ކަމަށެވެ.
އަދި އެމްޑީޕީން އިސްވެ އޮވެގެން ހިންގަމުންދާ ސިޔާސީ ހަރަކާތްތަކުގައި ދައްކާ އެކި ވާހަކަތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް އެޅިދާނެ ފިޔަވަޅުތައް އެބަހުރި ކަމާއި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމާއިމެދު ކަންބޮޑުވާ ކަމަށް އެނާ ވިދާޅުވި އެވެ.
"ސިޔާސީ ހަރަކާތްތަކުން ބޭރުވެ ޓެރެރިޒަމްގެ ހަރަކާތްތަކަށް ގޮވާލެވޭ ހިސާބުން އިލެކްޝަންސް ކޮމިޝަނަށް އެންގެންޖެހޭނެ އެ ޕާޓީތަކަށް ތިޔަ ޕާޓީއަކުން މިވެނި ހަރަކާތެއްގައި މި ވެނި ދުވަހަކު ދެއްކި ވާހަކަތަކަކީ ސިޔާސީ ތަންތަނުގައި ވެސް ދައްކަން ތަހުގީގީ މިންގަނޑުން ކިރާއިއިރު ވެސް ނުދެއްކޭނެ ވާހަކަތެއްކަން. އެންމެ ކުޑަމިނުން އެކަން ބަޔާންކޮށްދީ އީސީއިން އެކަން ބަޔާންކޮށް ސިޓީގަނޑެއް ވެސް ފޮނުވިތޯ؟" އެނާ ސުވާލު ކުރެއްވި އެވެ.
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވެސް ފުލުހުނާއި ކުރިމަތި ލުމަށް ގޮވާލާފައިވާކަން ނިހާނު ފާހަގަ ފާހަގަ ކުރެއްވި އެވެ.
އެގޮތުން ހަތެއް ފެބްރުއަރީގެ ފަހުން ރާއްޖޭގައި ތިބި ފުލުހުންނާއި ސިފައިން މަގުމައްޗަށް ނެރެ ތަޅާލަންވީ ކަމަށްބުނެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ރައްޔިތުން މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށާއި އަދި އެއްވެ އުޅުމުގެ ދިފާއުގައި ފުލުހުނާއި ކުރިމަތިލުމަށް ކުރީގެ މުހައްމަދު ނަޝީދު ޓުވިޓާގައި ވިދާޅުވެފައިވާ ކަމަށް ނިހާނު ވަނީ ވިދާޅުވެފަ އެވެ.
އެނާ ވިދާޅުވީ އެމްޑީޕީން ރާޅުގަނޑުގައި ސިޔާސީ ހަރަކާތްތައް ފެށި ހިސާބުން ފެށިގެން މަގުމައްޗަށް ނިކުމެ މުޒަހަރާކުރަން ފަށާފައިވާއިރު މިއަދާ ހަމައަށް އެކަން ނުކުރުމަށް ބުނެ ސިޓީއެއް ވެސް ފޮނުވާލާފައިނުވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކާއިމެދު ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނު ރައްޔިތުން މަޖިލިލީހުގެ ތަޅުމުގައި އޮތޭބުނެ ތިމަންނަމެންނަށް ޕާޓީތަކާއި މެދު ފިޔަވަޅު އެޅޭނެ ޖަގައެއް ނެތޭ ބުނެވޭކަށްނެތް. އެބޭފުޅުންނަށް މިހާރުވެސް އެޅޭނޭ ފިޔަވަޔަޅުތައް ކިތަންމެ ކިތަންމެ ފިޔަވަޅުތަކެއް އެބަހުރި،" އެނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ފުވައްމުލަކު އުތުރު ދާއިރާގެ މުހައްމަދު ރަފީގު ހަސަން ވިދާޅުވީ އެމްޑީޕީން ހިންގަމުންދާ ހަރަކާތްތަކުގައި ތަކުރާރުކޮށް ފުލުހުންނާއި ސިފައިނަށް އަނިޔާ ކުރަން ގޮވާލަމުންދާއިރު އިލެކްޝަން ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރަމުން ނުދާ ކަމަށެވެ.
"މިކަން ކަން މި ގޮތަށް ހުރިއިރު އަޅުގަނޑުމެން ހިތަށްއަރާ އިލެކްޝަންސް ކޮމިޝަނުން ކީއްބާއޭ މި ކުރައްވަނީ. އެ ބޭފުޅުންގެ ގާނޫނީ ޒިންމާ ކޮބައިތޯ އޭ އަޅުގަނޑު ހިތައްއަރާ. މިކަހަލަ ކަންތައްތައް ތަކުރާރު ކުރައްވަމުންދާއިރު އަޅުގަނޑުމެނަކަށް ނުފެނޭ އިލެކްޝަނުން ކޮމިޝަނުން ފިޔަވަޅެއް އަޅުއްވާތަނެއް. ހާއްސަ ކޮށް އިލެކްޝަން ކޮމިޝަނުން ކުރައްވަންޖެހޭ ކަންތައްތައް ނުކުރެވިދާކަން އަޅުގަނޑު ފާހަގަކުރަން،" އެނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޕީޕީއެމް އިން ވަނީ ކ.ކާށިދޫގައި ފުލުހެއްގެ ގަޔަށް ވަޅި ހަރައި މަރާލި ހާދިސާ އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.