23 Jul 2012, 14:33
ފުލުހުންނަށް ހަމަލަ ދިނުމުގެ އިތުރުން ރޭ ކާށިދޫގައި ހަމަލާދީ ފުލުހަކު މަރާލީ އެމްޑީޕީން އިސްވެ އޮވެ ފުލުހުންގެ އަގު ވައްޓާލަން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ހިއުމަން ރައިޓްސް އެމްބެސެޑަރު އަހުމަދު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) މިއަދު ވިދާޅުވީ ފުލުހުންގެ އަގު ވައްޓާލައި ފުލުހުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ރައްޔިތުންނަށް ދައްކަން ރާއްޖެ ޓީވީ މެދުވެރިކޮށް އެމްޑީޕީގެ އިސް ފަރާތްތައް ކެމްޕެއިނެއް ފަށައި ކުރިއަށް ގެންދާ ކަމަށެވެ. އަދި ރާއްޖެ ޓީވީ މެދުވެރިކޮށް އެމްޑީޕީގެ އިސްވެރިން ފުލުހުންނަށް ހަމަލާ ދިނުމަށް ގޮވާލާފައިވާ ކަމަށެވެ.
"ފުލުހުންނަކީ މައްސަލަތައް އުފައްދާ ބައެއް ކަމަށް މީހުންގެ ހިތްތަކުގައި ގަބޫލު ކުރުވުމަށްޓަކައި މިހާރު ވަރަށް ބޮޑު ކެމްޕެއިނެއް ވަނީ ފަށާފައި. މި ކެމްޕެއިން ހަގީގަތުގައި ފަށާފައިވަނީ ސިއްރަކުން ނޫން ފާޅުގައި މި ކެމްޕެއިން ފަށާފައިވަނީ އެމްޑީޕީން ރާއްޖެ ޓީވީ މެދުވެރިކޮށް،" އަހައްމައިދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ އަގު ވައްޓާލަން ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުން ފުލުހުންނަކީ ވައްކަން ކުރާ ބައެއްކަން ދެއްކުމުގެ ގޮތުން ރާއްޖެ ޓީވީ މެދުވެރިކޮށް ފުލުހުންގެ ބަޔަކު ސައިކަލެއް ކައިރިން ޕެޓްރޯލް ފުޅިއެއް ވަގަށް ގެންދާ ކަމަށް ބުނެ މަންޒަރުތަކެއް ދެއްކި ކަމަށާއި އެއީ ވެސް ފުލުހުންގެ އަގު ވައްޓާލުމަށް ދެއްކި މަންޒަރުތަކެއް ކަމަށެވެ.
"ރާ ރާއްޖެ ޓީވީން ދެއްކި މަންޒަރުތަކަކީ ވެސް ހަގީގަތުގައި ޒިންމާދާރު ރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޓީވީއަކުން ފަތުރަން އެކަށީގެންވާ ކަހަލަ ވާހަކަތަކެއް ކަމުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި ރާއްޖެ ޓީވީ މެދުވެރިކޮށް އެމްޑީޕީގެ އިސްވެރިން ވަނީ ފުލުހުންނަށް އަމާޒު ކޮށް ހަމަލާ ދިނުމަށް ވެސް ގޮވާލާފައި،" ސަން ދާނު އަހައްމައިދީ ވިދާޅުވި އެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުގެ ގަވާއިދުތަކާ ހިލާފަށް ރާއްޖެ ޓީވީން ހަބަރާއި މައުލޫމާތާއި މަންޒަރު ފޮނުވާ ކަމަށް ވިދާޅުވެ އަހަންމައިދީ ވަނީ އެކަންކަން ހުއްޓުވަން ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންގެ ބަޔަކު ސައިކަލަކުން ޕެޓްރޯލް ވަގަށް ނެގިކަން ފަޅާއަރައިފި ކަމަށް ބުނެ ރޭ ރާއްޖެ ޓީވީން ފޮނުވި ކަމަށް ބުނާ ހަބަރަކާއި ގުޅިގެން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފުލުހުންނާއި ގުޅޭ ގޮތުން ބައެއް މީޑިޔާތަކުން ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށާއި އެ ފަދަ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެެ.
މިކަމާއި ގުޅޭ ގޮތުން ރާއްޖެ ޓީވީ އާއި އެމްޑީޕީގެ ބަހެއް ވެސް އަދި ބްރޯޑް ކާސްޓިން ކޮމިޝަންގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.