ބަޖެޓްގައި ހިމެނިފައިނުވާ 300 މިލިއަން ރުފިޔާގެ ލޯނެއް ބަޖެޓް ސަޕޯޓުގެ ގޮތުގައި ސަރުކާރުން ބީއެމްއެލްއިން ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

"ލޯނު ނެގި މައްސަލަ މި ކޮމިޝަނުން މި އަންނަނީ ބަލަމުން، އެކަން ބެލުމަށް ފަހު އަޅުގަނޑުމެންނަށް އިތުރު އެއްޗެއް ދަންނަވަން އެނގޭނީ،" އޭސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އާންމު ފަރާތަކުންވެސް އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ތިންސަތޭކަ މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ނަގާފައިވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ހިމެނިފައިވާ 65 މިލިއަން ޑޮލަރުގެ ބަދަލުގަ އެވެ. އަދި އެ ލޯނު މަޖިލީހުގެ އެޕްރޫވަލްއަށް ފޮނުވިއިރު އެ ލޯނު ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

މާލިއްޔަތު ގާނޫނުގެ ބުނެފައިވާ ގޮތުން އަދި ބަޖެޓްގެ ރެކޮމެންޑޭޝަންތައް ބުނާގޮތުން ބަޖެޓްގައި ހިމެނިފައިވާ ލޯނުތައް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރަންޖެހެ އެވެ. ނަމަވެސް 300 މިލިއަން ރުފިޔާގެ ލޯނުގެ މައްސަލައިގައި ކައުންސިލް ޖެނެރަލް ވިދާޅުވެފައިވަނީ އެ ލޯނަކީ ބަޖެޓުގައި ހިމެނިފައިވާ ލޯނަކަށް ނުވާތީ އެ ލޯނު ނަގަން ޖެހޭނީ މުޅި މަޖިލީހުގެ ތަޅުމުން ފާސްކޮށްގެން ކަމަށެވެ.

އެ މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ ފިޔަވަޅު އަޅައި ދިނުމަށް އެދި މަޖިލީހަށް ވަނީ ގަރާރެއް ވެސް ވައްދައިފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ލޯނު ނަގަން ޖެހުނީ ކުއްލިޔަކަށް ފައިސާ ބޭނުންވެގެން ކަމަށެވެ. ކޮންޓެންޖެންސީ ބަޖެޓް ވެސް ވަރަށް ބޮޑަށް ސޯޓްވެ އެ ބަޖެޓަށް ފައިސާ ޓްރާންސްފާ ކުރުމަށް އެ މައްސަލަ ވެސް ވަނީ ފިނޭންސުން ކޮމެޓީއަށް ފޮނުވައިފަ އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.