ބޮލީވުޑްގެ ކުރީގެ އެކްޓަރު އަރުބާޒް ޚާންގެ އަންހެނުން ޝޫރާ ޚާން އަލަތު ދަރިފުޅަށް ބަލިވެ އިން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝޫރާ ޚާން އާއި އަރުބާޒު އެކީގައި މެޓާނިޓީ ކުލިނިކްތަކަށް ޒިޔާރަތްކުރާ މަންޒަރު ރިޕޯޓަރުންނަށް އެތައް ފަހަރެއްގެ މަތިން ވަނީ ފެނިފައެވެ.

މީގެއިތުރުން ދާދިފަހުން އަރުބާޒުގެ ބޭބެ އެކްޓަރު ސަލްމާން ޚާން ފިލްމު އިންޑަސްޓްރީގެ މީހުންނަށް ދައުވަތުދީގެން ބޭއްވި ރޯދަ ވީއްލުމަށް އަރުބާޒުގެ ދެމަފިރިން ދިޔައިރު ޝޫރާ ހެދުން އަޅާފައިހުރި ގޮތުން ވެސް ބަލިވެންއިންކަމަށް ޝައްކު ކުރެވޭ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އަރުބާޒު ޚާން 22 އަހަރުގެ ދަރިފުޅު އަރުހާންއާ އެކު--ފޮޓޯ/ފިލްމުފެއަ

މިކަމާ ގުޅިގެން އަރުބާޒު އާއި ޝޫރާގެ ފަރާތުން ވަކި އެއްޗެއް ބުނެފައި ނެތް ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ވެސް ވަނީ ޝޫރާ ބަލިވެއިންކަމަށް ބުނެފައެވެ. އަރުބާޒު އާއި ޝޫރާ އަކީ ދެ މީހުންގެ ދިރިއުޅުމުގެ ކަންކަން ވަރަށް ޕްރައިވެޓްކޮށް ބޭއްވުމަށް ލޯބިކުރާ ދެ މީހުންނެވެ.

ޚާއްސަކޮށް އަންހެނުން ޝޫރާ ޚާން އަބަދުވެސް ޕްރައިވެޓް ދިރިއުޅުމެއްގައި އުޅެން ބޭނުންވާ މީހެއް ކަމަށް މީގެކުރިން ވެސް މީޑިއާގައި ވަނީ ބުނެފައެވެ.

އަރުބާޒާއި ޝޫރާގެ ކައިވެނި ކުރެވުނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24ގައެވެ. ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ އަރުބާޒު ޕްރޮޑިއުސްކުރި ފިލްމު "ޕަތްނާ ޝުކްލާ"ގެ ޝޫޓިންގްގެ ތެރެއިންނެވެ. އޭރު ޝޫރާ މަސައްކަތް ކުރީ އެ ފިލްމުގެ ބަތަލާ ރަވީނާ ޓަންޑަންގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައެވެ.

އަރުބާޒަކީ ޝޫރާއަށް ވުރެ އުމުރުން 22 އަހަރު ހަގު މީހެކެވެ. އަރުބާޒު އެންމެ ފުރަތަމަ ކައިވެނިކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު މޮޑެލް މަލައިކާ އަރޯރާއާއެވެ. އެ ދެ މީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.