23 Jul 2012, 14:04
ރާއްޖޭގެ އަމަން ބަލަހައްޓާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ހަމަލާދިނުމަށް ހިތްވަރު ދޭ މީހުންނާއި އަދި އެފަދަ އަމަލުތައް ހިންގަން ގޮވާލާ މީހުންނަށް ހައްގު އަދަބު ދިނުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބަޔާނެއް މެދުވެރި ކުރައްވާ އެމަނިކުފާނު މިއަދު ވިދާޅުވީ އަމަން ބަލަހައްޓަން ތިބޭ ފަރާތްތަކާއި، އާންމު ރައްޔިތުންނަށް ހަމަލާ ދިނުމަކީ އެއްވެސް ގޮތަކުން ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނާއި އެފަދަ އަމަލުތައް ހިންގަން ގޮވާލައި ހިތްވަރުދޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންގޮސް ހައްގު އަދަބު ދިނުމަށް ސަރުކާރު ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
"ރާއްޖޭގެ އަމަން ބަލަހައްޓަން ތިބޭ ފަރާތްތަކަށާއި، އާންމު ރައްޔިތުންނަށް ހަމަލާ ދިނުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި، މިފަދަ އަމަލުތައް ހިންގުމަށް ގޮވާލައި ހިތްވަރުދޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އެމީހުންނަށް ހައްގު އަދަބު ދިނުމަކީ، ސަރުކާރުން ފަސްޖެހޭނެ ކަމެއް ނޫންކަމުގެ ޔަގީންކަން، މި ފުރުސަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ،" ރައީސް ވަހީދުގެ ބަޔާނުގައި ވެއެވެ.
ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބަޔަކަށްވާއިރު މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކާ މެދު ވެސް ގާނޫނުން ދެވޭ އެންމެ ހަރުކަށި އަދަބު ދިނުމަށް އަދުލު އިންސާފް ގާއިމްކުރާ ހުރިހާ މުއައްސަސާތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް، ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ރޭ މެންދަމު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދިން ޚަބަރު އެ މަނިކުފާނަށް އިވިވަޑައިގަތީ ވަރަށް ފުން ހިތާމައާ އަސަރާ އެކުގައި ކަމަށާއި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ހަލީމްގެ އާއިލާއަށް އެއިޚުލާސްތެރިކަމާއި އެކު ތައުޒިޔާ ރައްދުކުރައްވާކަމަށް ވެސް ވިދާޅުވި އެވެ.
ކާށިދޫ ޕޮލިސް ސްޓޭންގެ ޑިއުޓީއަށް ހަލީމް ދަނިކޮށް ވަޅިއަކުން ގައިގެ ހަތަރު ތަނަކަށް ހަމަލާދީ މާރާލި ކަމުގެ ތުހުމަތުގައި ރޭ ފުލުހުން ވަނީ އެރަށުން މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ރޭ ކާށިދޫން ހައްޔަރު ކޮށްފައި ވަނީ އެރަށު ސުވާސާގޭ، މުހައްމަދު ސަމާހު، 22 އެވެ. އޭނާއަކީ މީގެ ތިން ދުވަސް ކުރިން މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓައި އިއްޔެގެ ހަވީރު ކޯޓުން ގޭބަންދަށް ބަދަލުކޮށްފައި ހުރި މީހެކެވެ.