23 Jul 2012, 13:44
ފުލުހުންގެ ބަދަހި ސަފުތަކަށް ހީނަރުވެ ސަފުތައް ފޫއަޅުވާލެވޭނެ ފުރުޞަތު ނުދިނުމަށާއި ސިފައިން ތިބީ ފުލުންނާއެކު ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.
ބަޔާނެއް މެދުވެރިކޮށް ސިފައިން އެހެން ބުނީ ކ. ކާށިދޫގައި ގާއިމުވެ ތިބޭ ފުލުހުންގެ ތެރޭގައި ހިމެނޭ އެރަށު ކެތި، ލާންސް ކޯޕްރަލް އާދަމް ހަލީމް 26، ޑިއުޓީއަށް ދަނިކޮށް އޭނާގެ ގަޔަށް ވަޅި ހަރައި މަރާލުމާ ގުޅިގެނެވެ.
ސިފައިން ބުނީ ހަލީމް ޝަހީދުކޮށްލުމުގެ ހިތާމައިގައި ބައިވެރިވެ ދިވެހި ސިފައިން ތިބީ، ފުލުހުންނާއެކު އެއް ރޫޙެއްގައި އަތުގުޅާލައިގެން ކަމަށެވެ. އަދި މަރުގެ ހާދިސާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މިހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަދަހި ސަފުތަކަށް އެއްވެސް ހީނަރުކަމެއް އައިސް، ސަފުތައް ފޫއަޅުވާލެވޭނެ ފުރުޞަތު ނުދިނުމަށް ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.
އަމަން ބަލަހައްޓަން ތިބޭ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް އަނިޔާކޮށް މެރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށައި ޤައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭފަދަ އެއްވެސް ކަމަކަށް ފުރުޞަތުދީ ހިތްވަރުދިނުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ހަލީމްގެ ގަޔަށް ވަޅި ހަރައި މަރާލުމާ ގުޅިގެން ފުލުހުންގެ ދިދަ ވަނީ ތިން ދުވަހަށް ބައި ދަނޑިއަށް ތިރިކޮށްފަ އެވެ.