ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާ މަރިޔަމް އަޒުރާ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އެމްޑީޕީން މުޒާހަރާކުރި މައްސަލަ ހިއުމަން ރައިޓްސް އެމްބެސަޑަރު ކުށްވެރި ކޮށްފި އެވެ.

ހިއުމަން ރައިޓްސް އެމްބެސެޑަރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ ތަހުގީގު އެޗްއާރްސީއެމުން ނިންމުމުން ކޮމިޝަންގެ ރައީސާއާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ނުކުމެ އަޑުއުފުލައި ކޮމިޝަންގެ މެންބަރުންނަށް ބިރު ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ސަރުކާރުން ވެސް އެ އަމަލުތައް ކުއްވެރިކުރާ ކަމަށެވެ.

"ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާ މަރިޔަމް އަޒުރާއަށް ފޯކަސްކޮށް އެމްޑީޕީން ވަރަށް ނާތަހުޒީބީ އަމަލެއް ހިންގީމާ އެކަން ކުށްވެރިކުރަން އަޅުގަނޑު ބޭނުން. ސަރުކާރުން އެ ނާތަހުޒީބީ އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރޭ. އަޒުރާ ގެ ގޭދޮށަށް އެމްޑީޕީ މީހުން އެއްވެ އަޒުރާއަށް އަމަޒުކޮށްގެން ހަޑިހުތުރު އެއްޗެހި ގޮވާ އިސްތިއުފާ ދިނުމަށް ގޮވި ގޮވުމަކީ އެއީ ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" ސަންދާން އަހައްމައިދީ ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަދި ސަރުކާރުގެ އިސްފަރާތްތަކައި ވެސް ބަޔަކު މިފަހަކަށް އައިސް ދިމާކުރުމާއި ޖެއްސުން ކުރުންފަދަ ކަންކަން ކުރަމުން ގެންދާތީ އެފަދަ ކަންކަންކުރާ ފަރާތްތަކުން އެކަން ކަން ހުއްޓާލުމަށް ވެސް އަހައްމައިދީ ގޮވައިލެއްވި އެވެ.

އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތުގެ މުޒާހަރާގެ ބައެއް އެޗްއާރްސީއެމްގެ ރައީސާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ޖަމާވެ މުޒާހަރާ ކުރީ އިސް ގާޒީ މައްސަލައިގެ ތަހުގީގާ ގުޅިގެނެވެ.

މީގެ އިތުރުން ފުލުހުންނަށް އަމާޒުކޮށް ދޭ ހަމަލާތަކާއި ރޭ ދަންވަރު ކ. ކާށިދޫގައި ވަޅި ހަރައި މަރާލި ފުލުސް ލާންސް ކޯޕްރަލް އާދަމް ހަލީމުގެ މަރާ ގުޅިގެން ސަރުކާރުން ވަރަށް ކަން ބޮޑުވާ ކަމަށާއި އެކަން ކުށްވެރި ކުރާކަމަށް އެމްބެސެޑަރު ވިދާޅުވި އެވެ.