ފުލުސް މީހާގެ މަރާ ގުޅޭގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތިން ފޮޅުވަތުގެ ބަޔާނެއް ނެރެފި އެވެ.

ކ. ކާށިދޫގައި ރޭ ދަންވަރު ޑިއުޓީއަށް ދިޔަ ލާންސްކޯޕްރަލް އާދަމް ހަލީމަށް މަގުމަތިން ހަމަލަދީ މަރާލުމާއި ގުޅިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަނިޔާވެރި އެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވީ މިވަގުތަށް އެ ކޮމިޝަނުން މިކަމާ ގުޅިގެން ދަންނަވަން ބޭނުންވާ ވާހަކަތައް ކޮމިޝަންގެ ނޫސްބަޔާނުގައި ބުނެފައިވާނެ ކަމަށެވެ. ހަލީމަށް ހަމަލަދީ މަރާލީ އޭނާއަކީ ފުލުހަކަށް ވެގެންތޯ ނުވަތަ އެހެން ގޮތަކުންކަން އެނގޭނީ ކަން ހިނގައިދިޔަ ގޮތް ބެލުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަންވެސް ހިނގާފައި އޮތް ގޮތް ބަލާލީމަ އެނގޭނީ އެއްޗެއް ދަންނަވަން. ސިޔާސީ ވިސްނުމެއްގައި އަޅުގަނޑު އެއްވެސް އެއްޗެއް ދަންނަވާކަން ނެތިން،" ޝަހިންދާ ވިދާޅުވި އެވެ.

އުމުރުން 26 އަހަރުގެ ހަލީމްގެ މޭ މަތިން ނުވަ އިންޗި ފުނަށް ވަޅި ހަރާ ޒަހަމްކޮށްލާފައި ވެއެވެ. އޭނަ މަރުވީ އެ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. ހަލީމްގެ މަރާ ގުޅިގެން ކާށިދޫން މީހަކު ހައްޔަރުކޮށް އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހަލީމު މަރާލުމުން އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ. އަދި ފުލުހުންގެ ދިދަވެސް ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމާފަ އެވެ. ހަލީމްގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ ރަސްމީ އިތްޒަތުގަ އެވެ.