24 Aug 2010, 19:00
00:00
ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން، ހަތަރު ޕަސެންޓާއި، ތިނެއް ޕޮއިންޓް ފަހެއް ޕަސެންޓް ޓެކްސްގެ ގޮތުގައި ސަރުކާރަށް ނެގުމަށް ބިލަށް އިސްލާހް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ، ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލުގެ ކޮމިޓީ ވަގުތުގައި، ޓޫރިސްޓް ރިސޯޓްތަކާއި، ހޮޓާ ތަކާއި، ޕިކްނިކް އައިލެންޑް ތަކާއި، ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން، ހަތަރު ޕަސެންޓާއި، ތިނެއްޕޮއިންޓް ފަހެއް ޕަސެންޓް ނެގުމަށް ބައެއް މެންބަރުން ހުށަހެޅުއްވި ނަމަވެސް އެކަމާ ދެކޮޅަށް ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.
އެމްޑީޕީގެ މެންބަރު ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ވިދާޅުވީ، އެ އަދަދުތަކަކީ މާ ކުޑަ އަދަދުތަކެއް ކަމަށެވެ. އަދި މި ބިލަކީ ވަކި ބަޔަކަށް ފައިދާ ލިބޭގޮތަށް ހަދާފައިވާ ބިލެއް ކަމަށާއި، ރިސޯޓް ހިންގާ ފަރާތްތަކުން މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށާއި އެ މީހުންނަކީ ސަރުކާރަށް އެއްވެސް އެއްޗެއްދޭން ބޭނުންވާ ބައެއް ނޫން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. އަދި މި ބިލުގައި ރައްޔިތުންނަށް އޮޅުވާލުންތަކެއް ހިމަނާފައިވާ ކަމަށާއި، ޓެކްސް ނަގަންޖެހޭނީ ރިސޯތްތަކުން ހަތް ޕަސެންޓް، ހޮޓާތަކުން، ފަސް ޕަސެންޓް އަދި، ގެސްޓު ހައުސްތަކުން ތިން ޕަސެންޓްކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން، ތިން ޕަސެންޓް ޓެކުހެއް ނެގުމަށް ބިލުގައި ހިމަނާފައި ވަނިކޮށް އެ އަދަދު އިތުރު ކުރުމަށް މެންބަރުން ހުށަހަޅުއްވި އިސްލާހްތަކާ ގުޅިގެން ނުރުހުން ފާޅު ކުރައްވައި ވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ، ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ފައިސާ ހޯދަންޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖެ އާއި ދުނިޔޭގެ އިގްތިސާދު މިއަދު އޮތް ހާލަތު ވިސްނާލަންޖެހޭ ކަމަށާއި، މިކަހަލަ ފަގީރު، ނިކަމެތި ދަނޑިވަޅެއްގައި ވިޔަފާރިތަކުން ހައްދު ފަހަނައަޅާ ވަރަށް އިތުރު ޓެކްސްނަގަން ދިމާކޮށްފިނަމަ އިގްތިސާދު މިއަށްވުރެ ބޮޑަށް ފުނޑުފުނޑުވެގެންދާނެ ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ. އަދި ޓެކްސް ނެގުމަކީ މުހިއްމު ކަމެއް ނަމަވެސް ވިޔަފާރިކުރާ ބަޔަކަށް އެކަށީގެންވާ ރަނގަޅު ގޮތެއްގައި އެކަން ނުކޮށްފިނަމަ މުޅި ރާއްޖޭގެ ރައްޔިތުންނަށް ގެއްލުމާ ހަލާކު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި އެހެން ގައުމުތަކުން ޓެކްސް ކަނޑާލައި އަދި ކުޑަކުރަމުން ގެންދާއިރު، ރާއްޖެއިން ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި، ރާއްޖޭން ފެންނަމުން މިދަނީ ނުކުޅެދޭ ވަރަށް ޓެކްސް ނެގުމަށް މަސައްކަތްކުރާ ތަން ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.
މި ބިލަށް އިސްލާހް ހުށަހަޅުއްވަމުން ގެންދިއުމުގައި، މެންބަރުންގެ މެދުގައި، ހިޔާލު ތަފާތުވުން އުފެދި ބައެއް ވަގުތުތަކުގައި، މަޖިލީހުގެ ތަޅުން ހޫނުވެގެންދިޔަ އެވެ. އެކަމާ ގުޅިގެން، އަޑު މަޑު ކުރުމަށާއި، ކެއްތެރިވުމަށް، ބައެއް މެންބަރުންނަށް މަޖިލީހުގެ ރައީސް ނަސޭހަތް ދެއްވައި އިންޒާރު ދެއްވި އެވެ.