23 Jul 2012, 12:10
ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ރޭ ވަޅިހަރައި މަރާލި ލާންސް ކޯޕްރަލް އާދަމް ހަލީމްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ވެރިރަށް މާލޭގައި ބާއްވަން ނިންމައިފި އެވެ. ހަލީމް 26، ގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ބާއްވާފަ އެވެ.
ފުލުހުން ބުނީ ހަލީމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ މަރުގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންތައް ބަލަން ކަމަށާއި އެކަންކަން ނިމުމުން އާ ސަހަރާއަށް ހަށިގަނޑު ބަދަލު ކުރާނެ ކަމަށެވެ.
ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ މަރާލި ލާންސް ކޯޕްރަލްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.
"ކަށު ނަމާދުކުރުން އޮންނާނީ މިއަދު އަސުރު ނަމާާދަށްފަހު އިސްލާމީ މަރުކަޒުގައި. ރަސްމީ އިއްޒަތުގައި ވަޅުލުން. އޮންނާނީ ވީރު ގަލޮޅު ސަހަރާގައި،" ހަނީފު ވިދާޅުވި އެވެ
.
ހަލީމްގެ ހަށިގަނޑު މާލެ ގެނައިއިރު އޭނާގެ އަންހެނުންނާއި ތިން މަސް ނުވާ ދަރިފުޅު ވެސް މާލެ އައެވެ. އަދި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ ގިނަ ބަޔަކު ވެސް މާލެ އެކުގައި މާލެ އައެވެ.
ހަލީމުގެ ހަށިގަނޑު މާލެ ގެނައި ވަގުތު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން ވަނީ ހަލީމުގެ އާއިލާއާއި ބައްދަލުކޮށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ކާށިދޫން ލޯންޗް ހަލީމްގެ ހަށިގަނޑާއި އާއިލާ ގެނައި ލޯންޗެ ކައިރިއަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ގިނަ އަދަދެއްގެ ފުލުހުން ޖަމާވެ ތައުޒިޔާ ކިޔެއެވެ.
ހަލީމް މަރާލާފައި ވަނީ ޑިއުޓީއަށް ދަނިކޮށް ރޭ 12:30 އެހާކަންހައިރު އެވެ. އޭނާ މަރުވީ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލުމުން ކާށިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. ހަލީމްގެ މަރާ ގުޅިގެން ތުހުމުގައި ހައްޔަރުކޮށްފައި ވަނީ، ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު އެވެ. އޭނައަކީ މަރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ކޯޓް އަމުރަށް އިއްޔެ ގެއަށް ބަދަލުކޮށްފައިވާ މީހެކެވެ. ހަލީމަށް ހަމަލާ ދީފައި ވަނީ ސަމާހު ދިރިއުޅޭ ގޭގެ ސަރަހައްދުންނެވެ.