މާލެ އަތޮޅު ކާށިދޫގައި ފުލުހެއްގެ ގަޔަށް ވަޅި ހަރައި މަރާލި އެންމެން ހޯދައި އެ ބަޔަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

ފުލުސް ލާންސް ކޯޕްރަލް، އާދަމް ހަލީމް 26، ގަޔަށް ވަޅި ހަރައި މަރާލާފައިވާތީ ކަން ބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ކުރު ބަޔާނުގައި ބުނަނީ ރަހުމް ކުޑަ ގޮތަކަށް ހަލީމް މަރާލުން އެމްޑީޕީން ކުށްވެރި ކުރަނީ އެއްމެ ހަރުކަށި އިބާރާތުން ކަމަށެވެ.

"ހަލީމް 26، އަށް ހަމަލާދީ މަރާލި ބައެއް ހޯދައި ދެވެން އޮތް އެއްމެ ހަރުކަށި އަދަބެއް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ. އަދި ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް އިތުރުކޮށް ސަލާމަތް ވެއްޓެއް ގާއިމުކޮށް ދިނުމަށް އަމަން ބަލަހަށްޓާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބުނެފައި ވަނީ ހަލީމްގެ މަރާ ގުޅިގެން ރާއްޖެއަށް ލިބުނު ފުން ހިތާމައިގައި އެމްޑީޕީ ބައިވެރިވާ ކަމަށާއި ހަލީމަށް އާއިލާ އަށް ކެތްތެރިކަން އެދޭ ކަމަށެވެ.

އެމްޑީޕީން ބަޔާން ނެރުނު އިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ އިސް ލީޑަރު ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވިޓާ މެދުވެރިކޮށް މަރުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. ނަމަވެސް ސަރުކާރާ ގުޅިފައިވާ ގިނަ ފަރާތްތަކުން ވަނީ މި މަރާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ހަރަކާތްތައް ކުށްވެރިކޮށް މި ހާދިސާ އައިސްފައި ވަނީ އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

ހަލީމް މަރާލި ހާދިސާއާ ގުޅިގެން ނައިބު ރައީސް މުހައްމަދު ވަހީދުއދީން ރޭ ވިދާޅުވީ، ރާއްޖެ މިހާރު ހައްދުފަހަނަ އަޅާ ގޮސްފައިވާ ކަމަށާއި ރާއްޖޭގައި މިހާރު އޮތީ ޑިމޮކްރަސީ ނޫން ކަމަށެވެ. އަދި އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި ފުލުހުންނާ ދިމާކޮށް ހަމަލާ ދެމުން ދިއުމަކީ ޑިމޮކްރަސީ ނޫން ކަމަށައި އެއީ ޑިމޮކްރަސީއަށް ހުރަސް އެޅުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން ބަޔާނެއް ނެރެފައިވާއިރު އަހުމަދު ތަސްމީން އަލީ ލީޑަރުކަން ކުރައްވާ ޑީއާރްޕީން ވެސް ވަނީ ހަލީމްގެ މަރާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވެސް ބުނަނީ މަރުގެ އެ ހަމަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށި އަދަބު ދިނުމަށެވެ.

އިތުރުން ބުނެފައި ވަނީ މިފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބުތައް ހޯދައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާ ރުޅިވެރިކަމާއި އަނިޔާވެރި ރަހުމް ކުޑަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ.