ދޯޙާ (ޖުލައި 23): ސޫރިޔާގައި ހިނގަމުންދާ ލޭ އޮހޮރުވުންތައް ހުއްޓުވުމަށްޓަކައި ވެރިކަން ދޫކޮށްލައްވައި ޤައުމުން ބޭރަށް ވަޑައިގަތުމަށް ސޫރިޔާގެ މައްސަލައާބެހޭ ޢަރަބި ލީގުގެ ވަޒީރުންގެ ކޮމިޓީން ރައީސް ބައްޝާރުލް އަސަދަށް އިލްތިމާސް ކޮށްފި އެވެ.

މިކޮމިޓީގެ ރައީސް ޤަތަރުގެ ޚާރިޖީ ވަޒީރު އައްޝައިޚް ޙަމަދް ބިން ޖާސިމް ވިދާޅުވީ ވެރިކަން ދޫކޮށްލައްވާފައި ރައީސް ބައްޝާރު ޤައުމުން ބޭރަށްވަޑައިގަންނަވާނަމަ އޭނާ އާއި ޢާއިލާއަށް ރައްކާތެރިކަމާއި ޙިމާޔަތް ދޭނެކަމުގެ ގެރެންޓީ ދިނުމަށްވެސް ސޫރިޔާގެ މައްސަލައާބެހޭ ޢަރަބި ލީގުގެ ވަޒީރުންގެ ކޮމިޓީން ނިންމާފައިވާކަމަށެވެ.

ސޫރިޔާގެ މައްސަލައާބެހޭ ޢަރަބި ލީގުގެ ވަޒީރުންގެ ކޮމިޓީއަކީ ޢަރަބިލީގުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިކޮމިޓީގައި ހިމެނެނީ އަލްޖަޒާއިރު، މިސްރު، ސޫދާން، ޤަތަރު އަދި ޢުމާންގެ ޚާރިޖީ ވަޒީރުންނެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ބޭއްވި ބައްދަލުވުމުންގައި ސޫރިޔާގެ ވެރިކަން ދޫކޮށްލައްވައި ރައީސް ބައްޝާރު ޤައުމުން ބޭރަށްވަޑައިގަންނަވާނަމަ އޭނާއާ ޢާއިލާއަށް ރައްކާތެރިކަމާއި ޙިމާޔަތް ދިނުމުގައި ޖާމިނުވުންދޭކަމުގެ ޤަރާރެއް ނެރުނެވެ. ސޫރިޔާގެ ވެރިކަމުގައި ބައްޝާރު ހުންނަވައިގެން އެޤައުމުގެ ލޭއޮހޮރުވުން ނުހުއްޓުވޭނެކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުރުން ޢަރަބި ޤައުމުތަކުން ވެސް މިހާރު ޤަބޫލުކުރެ އެވެ. އެހެންކަމުން ޢަރަބިން މިހާރު ބާރުއަޅަމުން ގެންދަނީ ބައްޝާރާއި އޭނާގެ ޢާއިލާއަށް ރައްކާތެރިކަމާއި ޙިމާޔަތް ދޭގޮތަށް ވެރިކަމުން ދުރުވެ ވަޑައިގަތުމަށެވެ. ނަމަވެސް މިހުށަހެޅުން ބައްޝާރު ޤަބޫލު ނުކުރައްވާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ސޫރިޔާ ސަރުކާރުން ދާދިފަހުން ބުނެފައިވަނީ ރައީސް ބައްޝާރު މަޤާމުން ދުރުވެވަޑައިގަންނަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށެވެ. ސޫރިޔާގެ ލޭ އޮހޮރުވުންތަކުގެ ފަހަތުގައިވަނީ ބޭރުގެ ފަރާތްތަކާއި އެތެރޭގެ ޚާއިނުންކަމަށް ވެސް ސޫރިޔާ ސަރުކާރުން ބުނެއެވެ. އަނެއްކޮޅުން ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ނެޝަނަލް ކައުންސިލުންވަނީ ބައްޝާރު ވެރިކަމުގައި ހުންނަވައިގެން އެޤައުމުގެ މައްސަލައަށް ސިޔާސީ އެއްވެސް ޙައްލެއް ނުގެނެވޭނެ ކަމަށް ބުނެފައެވެ. -- އަލްޖަޒީރާ