23 Jul 2012, 10:44
ކ. ކާށިދޫގައި ޑިއުޓީއަށް ދިޔުމަށް ދިޔަ ފުލުހެއްގެ ގަޔަށް ވަޅިހަރައި މަރާލާފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒުރާ އަހުމަދު ރޭ ވިދާޅުވީ ޑިއުޓީއަށް ދަނިކޮށް ކާށިދޫ، ކެތި، ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް 26، ގެ ގަޔަށް ވަޅި ހަރައި މަރާލާފައި ވާތީ އެ ކޮމިޝަނުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި އެ އަމަލަކީ އެ ކޮމިޝަނުން ވަރަށް ބޮޑަށް ކުއްވެރިކުރާ ކަމެއްކަމަށް ވެސް އަޒުރާ ވިދާޅުވި އެވެ.
ފުލުހުންނާއި މެދު ނަފްރަތު އުފެދޭގޮތަށް އާންމުގެ ތެރޭގައި ވާހަކަތަކެއް ފެތުރެމުންދާ މިދަނޑިވަޅުގައި އަޒުރާ ވިދާޅުވީ އެއްވެސް މީހަކު އަނެކާއާމެދު ނަފުރަތު އުފެދޭގޮތަށް ވާހަކަ ދައްކައި ހެދުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ހިޔުމަންރައިޓްސް ކޮމިޝަނުން މިކަން ވަރަށް ބޮޑަށް ކުއްވެރިކުރަން. ވަރަށް ހިތާމަ ކުރަން އެގޮތަށް ފުލުހަކު މަރާލާފައިވާތީ. އެއްވެސް ފަރާތަކުން އެހެން ފަރާތަކާ މެދު ނަފްރަތު އުފެދޭ ކަހަލަ ގޮތް ގޮތަށް ވާހަކަދައްކައި ހަދައިގެން ނުވާނެ،" އަޒުރާ ވިދާޅުވި އެވެ.
އަޒުރާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެއްވެސް ހައްގަކާއި ނުލައި ގިނަ ބަޔަކު މަރާލާފައިވާތީ އެކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭކަމެއް ކަމަށާއި ރާއްޖޭގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށްޓަކައި އެ ކޮމިޝަނުން މިހާރު ކެންޕޭނެއް ފަށާފައިވާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާމެދު ފުލުހުންނާއި ސިފައިންގެ އިތުރުން ކަމާ ގުޅުން ހުރި މުއައްސަސާތަކާއި މިހާރު ބައްދަލުކުރަމުން އަންނަ ކަމަށާއި މާލޭގައި މިހާރު ސިލްސިލާކޮށް މުޒާހަރާ ކުރަމުންގެންދާ އެމްޑީޕީއާ ވެސް ވާހަކަ ދައްކަން ނިންމާފައިވާ ކަމަށެވެ.
"ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށްޓަކައި އަޅުގަނޑުމެން ކެންޕޭނެއް ފަށައިގެން މިއުޅެނީ. މިހާރު މުޒާހަރާ ކުރާ ފަރާތްތަކާއި ވެސް އަޅުގަނޑުމެން ވާހަކަ ދައްކާނަން. ފުލުހުންނާއި ވެސް އަދި ސިފައިންނާއި ވެސް ވާހަކަ ދައްކައިފިން. ރާއްޖޭގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަން އެބަޖެހޭ،" އަޒުރާ ވިދާޅުވި އެވެ.
ޑިއުޓީއަށް ދަނިކޮށް ރޭ 12:00 އެހާކަންހާއިރު ހަލީމް މަރާލާފައި ވަނީ ވަޅިއަކުން ގައިގެ ހަތަރު ތަނަކަށް ހަމާލާ ދިނުމަށް ފަހު އެވެ. ހަލީމު މަރާލިކަމުގެ ތުހުމަތުގައި ފުލުހުން ރޭ ވަނީ އެރަށުން މީހަކު ވެސް ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ރޭ ހައްޔަރު ކުރި އެ މީހާއަކީ މީގެ ތިން ދުވަސްކުރިން މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓާ އިއްޔެ ކޯޓުން ގޭބަންދަށް ބަދަލުކުރި މީހެއް ކަމަށެވެ.
ހަލީމު މަރާލުމުން އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ. އަދި ފުލުހުންގެ ދިދަވެސް ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމާފަ އެވެ. ހަލީމްގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވަން ނިންމާފައި ވަނީ ރަސްމީ އިތްޒަތުގަ އެވެ.