ނިއުދިއްލީ (ޖުލައި 23) : އިންޑިޔާގެ ކުރީގެ މާލީ ވަޒީރު ޕްރަނާބް މުކަރްޖީ އެ ޤައުމުގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފި އެވެ.

އިންޑިޔާގެ ސިޔާސީ ދާއިރާގައި އިހްތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވާ ފުންނާބު އުސް ސިޔާސީ ތަޖުރިބާކާރު، ޕްރަނާބް މުކަރްޖީއަކީ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން އިންޑިޔާގެ ރައީސް ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަންކުރާ އިންޑިޔާގައި ތަންފީޒީ ބާރުތައް އޮންނަނީ ބޮޑުވަޒީރުގެ އަތްޕުޅުގަ އެވެ. ރައީސްކަމުގެ މަޤާމް އޮންނަނީ މާބޮޑު ބާރުތަކެއްނެތް ޝަރަފުވެރި މަޤާމެއްގެ ގޮތުގައެވެ. ނަމަވެސް އިންޑިޔާ ސިފައިންގެ އެންމެ މަތީ ކޮމާންޑަރަކީ އެޤައުމުގެ ރައީސެވެ. ސިފައިންގެ ކޮމާންޑަރު ކަމުގެ މަޤާމަކީ ވެސް ރަމްޒީ މަޤާމެކެވެ. ސަބަބަކީ ރައީސަށް ސިފައިންނަށް އަމުރުތައް ކުރެވޭނީ ބޮޑުވަޒީރުގެ ރުހުން ލިބިގެން އޭނާގެ އިރުޝާދުގެ ދަށުންނެވެ.

އިންޑިޔާގެ ރައީސަކު އިންތިޚާބުކުރަނީ ފެޑްރަލް ޕާލަމެންޓުގެ ދެގޭގެ މެންބަރުންނާއި ސްޓޭޓްތަކުގެ ޕާލަމެންޓްތަކުގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ. އިންޑިޔާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު މައި ޕާޓ ކަމަށްވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ފަރާތުން ވާދަކުރިކެންޑިޑޭޓަކީ ފެޑްރަލް ޕާލަމެންޓްގެ ކުރީގެ ރައީސް ޕޯރނޯ އޭ ސަންގްމާ އެވެ. މުކަރްޖީ ވާދަކުރައްވައިގެން ރިޔާސީ އިންތިޚާބުގައި ސަންގްމާ ބޮޑު ތަފާތަކުން ބަލިވެ ވަޑައިގެންނެވިއެވެ.

މުކަރްޖީ އިންޑިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ފެޑްރަލް ޕާލަމެންޓާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބވަޑައިގަނެގެންނެވެ. އިންޑިއާގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ އަންހެން ޝަޚްސިއްޔަތެއް ކަމަށްވާ ޕްރަތީބާ ޕަޓޭލް އެވެ. އޭނާގެ ރިޔާސީ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާނެއެވެ. އިންޑިޔާގެ ރިޔާސީ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. -- ރޮއިޓާސް