14 Apr 2025, 09:12
މި އަހަރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ޒުވާނާ ޝަނާޔާ ކަޕޫރަށް ދަރުމާ ކުންފުނީގެ މަގުބޫލު ފްރެންޗައިސް "ސްޓޫޑަންޓް އޮފް ދަ އިއަ 3"ގެ ރޯލެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ޑަބަލް ރޯލަކުން ފެންނާނެ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިއާ 3"ގެ ޝޫޓިންގް ފަށާނެކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު މުމްބާއީގައެވެ.
ކުރީގެ ދެ ފިލްމާ ޚިލާފަށް މި ފްރެންޗައިސްގެ ތިންވަނަ ބައި ގެނެސްދޭން ނިންމާފައި ވަނީ މުޅިއެކު ހަ އެޕިސޯޑު ހިމެނޭ ވެބް ސީރީސްއެއް ގޮތަށެވެ. މި ސީރީސްގެ ޑައިރެކްޓަރަކީ މުޅިން އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ ރީމާ މާޔާއެވެ.

ޝަނާޔާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ތޫ ޔާ މޭ"ގެ މަންޒަރެއް--ފޮޓޯ/އެންޑީޓީވީ
ފިލްމު "ސްޓޫޑަންޓް އޮފް ދަ އިއާ"ގެ ފިލްމުތަކަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އަމިއްލަ ވިސްނުމަށް ކަރަން އުފައްދާފައިވާ ސިލްސިލާއެއް ނަމަވެސް މި ސިލްސިލާގެ ތިން ވަނަ ބައި ގެނެސްދިނުމުގައި ކަރަންގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި ޑައިރެކްޓަރު ރީމާ މާޔާގެ އަމިއްލަ ވިސްނުމަށް މި ސިލްސިލާގެ ވާހަކަ ބިނާކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.
ޝަނާޔާގެ އަތުގައި މިވަގުތު ތިން ފިލްމެއް އޮތްއިރު އޭގެ ތެރޭގައި އެކްޓަރު ވިކްރާންތު މަސޭއާ އެކު ކުޅޭ ފިލްމު "އާނކޯ ކީ ގުސްތާކިޔާ" ވެސް ހިމެނެއެވެ.
މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާއިރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ވަކި ތާރީޚެއް އިއުލާނެއް ނުކުރެއެވެ.
ޝާނާޔާ ފިލްމު އިންޑަސްޓްރީއަށް ލޯންޗު ކުރުން މާބޮޑަށް ވެސް ލަސްވެފައިވާއިރު ޝަނާޔާ މަސައްކަތް ކުރަމުން އަންނަ އިތުރު ދެ ފިލްމަކީ ޑައިރެކްޓަރު ބީޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އަދި މަޅަޔާލަމް އެކްޓަރު މޯހަން ލާލްގެ "ރުޝުބާ"އެވެ.