14 Apr 2025, 09:20
ލޯބީގެ ފިލްމު "ދަޅަކް"އަށް ފަހު ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އިޝާން ހައްތަރުއާއި ޖާންވީ ކަޕޫރު އެކީގައި ކުޅޭ ދެވަނަ ފިލްމު "ހޯމްބައުންޑު" 78ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި ޕްރީމިއާކުރާ ގޮތަށް ނިންމައިފިއެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނަށް ޑައިރެކްޓަރު ނީރަޖު ގައިވާން އުފައްދާ ފިލްމެކެވެ. ކާންސް ފިލްމު ފެސްޓިވަލްގައި މި ފިލްމު ޕްރީމިއާކުރާނީ އެ ފެސްޓިވަލްގެ "އަން-ސާޓެއިން ރިގާޑް" ސެކްޝަންގައެވެ.
މި ސެކްޝަންއަކީ ދުނިޔޭގެ އެކި ޤައުމުތަކުން ހޮވާލެވޭ ޔުނީކް އަދި ޚާއްސަ ސިފަތަކެއް ލިބިފައި ހުންނަ އާޓިސްޓުންގެ ފިލްމުތައް ޕްރީމިއާކުރާ ސެކްޝަނެކެވެ.

އިޝާން އާއި ޖާންވީ އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ދަޅަކް"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
ފިލްމު "ހޯމްބައުންޑު" ކާންސް ފިލްމު ފެސްޓިވަލުގައި ޕްރީމިއާކުރާއިރު ޑައިރެކްޓަރު ނީރަޖުގެ ފިލްމެއް މި ފެސްޓިވަލުގައި އެންމެ ފަހުން ޕްރީމިއާކޮށްފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. އެއީ، 2015 ވަނަ އަހަރު ޕްރީމިއަކުރި ނީރަޖްގެ ފިލްމު "މަސާން"އެވެ. ފިލްމު "މަސާން"ވެސް ޕްރީމިއަކޮށްފައި ވަނީ "އަން-ސާޓެއިން ރިގާޑް" ކެޓެގަރީގައެވެ.
ފިލްމު "ހޯމްބައުންޑު" ކާންސް ފެސްޓިވަލުގައި ޕްރީމިއާކުރާނެކަން އިއުލާނުކުރަމުން ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފައިވަނީ އިންޑިއާގެ އުފެއްދުމެއް ކާންސް ފެސްޓިވަލުގައި ދެއްކުމުގެ ފުރުސަތު ލިބުމަކީ ހިންދީ ސިނަމާގެ ނުފޫޒު ބޭރު ޤައުމުތަކުގައި އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.
މިއީ ހަމައެކަނި ދަރުމާއަށް ލިބުނު ޝަރަފެއް ނޫން ކަމަށާއި ނަމަވެސް އިންޑިއާގައި ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ ކޮންމެ މީހަކު ވެސް ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.
ބަތަލާ ޖާންވީގެ ފިލްމެއް މިއީ ކާންސްގައި ޕްރީމިއާކުރާނެ ފުރަތަމަ ފަހަރު ކަމަށްވެފައި ފިލްމު ކާންސް ފެސްޓިވަލަށް ހޮވުނު ޚަބަރަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ޚަބަރެއް ކަމަށް ޖާންވީ ވަނީ ބުނެފައެވެ.
ފިލްމާ ގުޅޭގޮތުން އިޝާން ހައްތަރު ބުނެފައިވަނީ މި ފިލްމަށް ސޮއިކުރިއިރު ވެސް މިއީ ވަރަށް ޚާއްސަ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން އެކްޓަރަށް އޮތް ކަމަށެވެ. މިއީ އިޝާންގެ ކެރިއަރުގައި އައި އެކްޓަރު އެންމެ ފަޚުރުވެރިވި ވަގުތުކޮޅު ކަމަށް ހޮލީވުޑަށް ވެސް ތަޢާރަފްވެފައިވާ އެކްޓަރު ވަނީ ބުނެފައެވެ.
މި އަހަރުގެ ކާންސް ފެސްޓިވަލު ކުރިއަށްދާނީ މެއި މަހުގެ 13އިން ފެށިގެން 24އަށެވެ.