14 Apr 2025, 09:06
ބަތަލާ ނުޝްރަތު ބަރޫޗާ މުހިއްމު ރޯލް ކުޅުނު ފިލްމު "ޑްރީމް ގާލް"ގެ ސީކުއަލްއިން ބަތަލާއަށް ފުރުސަތު ނުދީ ފިލްމީ ތަރި އަނަނިޔާ ޕާންޑޭއަށް ފުރުސަތު ދިނުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނުދެކޭ ކަމުގައި ނުޝްރަތު ބުނެފިއެވެ.
ނުޝްރަތު ލީޑް ބަތަލާގެ ރޯލް ކުޅުނު 2019ވަނަ އަހަރުގެ ފިލްމުގެ ސީކުއަލް ރިލީޒްކޮށްފައިވަނީ 2023ވަނަ އަހަރެވެ. ފިލްމު "ޑްރީމް ގާލް3"ގެ ކާސްޓުގައި ހިމެނި ހުރިހާ ތަރިންނަކީ ވެސް 2019 ވަނަ އަހަރުގެ ފިލްމުގެ ކާސްޓުގައި ވެސް ހިމެނި ތަރިންނެވެ.
ހަމައެކަނި ގެނައި ބަދަލަކީ ނުޝްރަތުގެ ބަދަލުގައި އެ ރޯލަށް އަނަނިޔާ ޕާންޑޭ ގެނައުމެވެ. އެއީ، އަދި ވަކިން ބޮޑަށް ނުޝްރަތުގެ ހިތުގައި ޖެހުނު ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެކްޓަރު އަޔުޝްމާން ކުރާނާ އަދި ނުޝްރަތު ބަރޫޗާ ފިލްމު "ޑްރީމް ގާލް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ކޮމެޑީ ޑްރާމާގެ ދެވަނަ ފިލްމުން ނުޝްރަތަށް ބަތަލާގެ ރޯލް ނުދިނީ ކީއްވެގެންކަން ވެސް ބުނެނުދޭ ކަމަށާއި ނުޝްރަތުގެ އަމިއްލަ ފިލްމެއްގެ ސީކުއަލްއިން ފުރުސަތު ނުދިނުމުން ވަރަށް ބޮޑަށް ހިތުގައި ޖެހުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ނުޝްރަތު ބުނީ، އެކަމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރާ މަޝްވަރާކުރަން ގިނަ ބަޔަކު އެދުނު ކަމަށާއި ނަމަވެސް އެއީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއް ކަމަށް އޭރު ވެސް ގަބޫލުކުރެވުނު ކަމަށެވެ.
ބޭކާރު ކަމެއްގައި ވަގުތު ހުސްކުރުމުގެ ބަދަލުގައި ނުޝްރަތު މަސައްކަތް ކުރީ ބަތަލާއަށް ހުޅުވިފައިހުރި އެހެން ފުރުސަތުތަކުގެ ބޭނުންކޮށް ނުޝްރަތުގެ އަގުވަޒަންކުރާ ބަޔަކާ އެކު މަސައްކަތް ކުރުމަށް ކަމަށް އެމޭޒަން ޕްރައިމްގެ "ޗޯރީ"ގެ ބަތަލާ ވަނީ ބުނެފައެވެ.
ނުޝްރަތު ލީޑް ރޯލް ކުޅެފައިވާ "ޗޯރީ"ގެ ސީކުއަލް މި މަހުގެ 11 ވަނަ ދުވަހު ވަނީ އެމޭޒަން ޕްރައިމްގައި ޕްރީމިއަކޮށްފައެވެ.