23 Jul 2012, 10:10
ކީރިތި ޤުރްއާނަކީ އަރަހުށި މާތްﷲ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ބާވައިލެއްވި ފޮތެވެ. އެފޮތަކީ އަރަހުށި މާތްﷲ ގެ ނިޝާންތަކުގެ ތެރެއިން ނިޝާނެކެވެ. އެފޮތަކީ އެންމެހައި އިންސީންނާއި ޖިންނީން ބައިވެރިވެގެން ވެސް އެފަދަ ފޮތެއް އެކުލަވައިލެވޭނެ ފޮތެއް ނޫނެވެ. ޚުދު އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އެކަލޭގެފާނު އަމިއްލަފުޅަށް އެފަދަ ފޮތެއް ތަސްނީފެއް ނުކުރެއްވޭނެއެވެ. އެކަލޭގެފާނަކީ އުންމީ ނަބިއްޔެކެވެ.
އިންޞާފަށް ލޯބިކުރާ އެންމެން އެފޮތުގެ މާތްކަމާއި މަތިވެރިކަމަށް އިޢުތިރާފުވެއެވެ. އިންސާނާގެ ދުނިޔަވީ ޙަޔާތާއި، އުޚުރަވީ ޙަޔާތަށް މަންފާ ހުރި ކޮންމެ ޢިލްމެއް އެކަމަށް ވަކާލާތު ކުރެއެވެ. ސަލާމަތް ބުއްދި އެކަމަށް އިޢުތިރާފުވެއެވެ. އެކަން ތަޞްދީޤު ކުރެއެވެ. އެއްވެސް މީހަކަށް އަނިޔާއަކަށް ނުވަތަ އިހާނެތިކަމަކަށް ނުވަތަ ބޭއިންޞާފަކަށް ހިމެނޭ އެއްވެސް ވާހަކައެއް އެފޮތަކު ނުވެއެވެ. އެފޮތަކީ އަދަބު އަޚްލާޤުގެ މަޞްދަރެކެވެ. ތަޢުރީފު ލިބިގެންވާ ހުރިހާ ރީތި ސިފަތަކެއްގެ މަންބަޢެކެވެ. ކީރިތި ޤުރުއާނުގައި ވަނީ ތެދު ޙަޤީޤަތެވެ. ތެދުވެރި ވެވޭނެ ގޮތެވެ. ޢިއްފަތްތެރިކަމާއި ޢަދުލުއިންޞާފަށް މަގުދެއްކުމެވެ. ވަޢުދު ފުއްދުމާއި، އަމާނާތް އަދާކުރުމުގެ ފިލާވަޅުތަކެވެ. ޔަތީމުންނާއި މިސްކީނުންނަށް ފުރިހަމަޔަށް އިޙުސާންތެރިވުމުގެ އަމުރުފުޅެވެ. ދުވަސްވީ މީހުންނާއި، އަވަށްޓެރީންނާއި، މެހުމާނުންނަށް މާތްކޮށް ހިތުމުގެ އެންގެވުމެވެ.
ކީރިތި ޤުރްއާން ބާރުއަޅަނީ އިސްރާފުކުރުމުގެ ދުރުހެލިވުމަށެވެ. ޙަލާލު ކޮންމެ އެއްޗެއްގެ މަންފާ ލިބިގަތުން އެފޮތް ހުއްދަކުރެއެވެ. ތަޤުވާވެރި ވުމަށާއި، ހެޔޮލަފާ ދިރިއުޅުމަކަށް އަމުރުކުރެއެވެ. ލަދުހުތުރުކަމާއި، ފާފަތަކަށް އަރައިގަތުމާއި، އަނިޔާވެރިވުމާއި އެނޫންވެސް ހުރިހާ ނުބައިކަމެއް މަނާކުރެއެވެ.