ރޭ ދަންވަރު ކ. ކާށިދޫގައި ވަޅި ހަރައި މަރާލި ފުލުހުންގެ ލާންސްކޯޕްރަލް އާދަމް ހަލީމުގެ މަރުގެ ޒިންމާވާންޖެހޭނީ ފުލުހުންނަށާއި ސަލާމަތީ ބާރުތަކަށް ހުރަސްއަޅައި އެފަދަ ކަންތައް ކުރަން ހިއްވަރުދިން ފަރާތްތައް ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.

ހަލީމްގެ ގަޔަށް ވަޅި ހަރައި މަރާލި ހާދިސާއާ ގުޅިގެން ޑީން ރޭ ވިދާޅުވީ، ރާއްޖެ މިހާރު ހައްދުފަހަނަ އަޅާ ގޮސްފި ކަމަށާއި މިހާރު ރާއްޖޭގައި އޮތީ ޑިމޮކްރަސީއެއް ނޫން ކަމަށެވެ. އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި އަމަން ބަލަހައްޓާ ފުލުހުންނާ އެމްޑީޕީން ދިމާ ކުރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވާ ޑީން ވިދާޅުވީ "އެއުޅެނީ މިގައުމަށް ޑިމޮކްރަސީ ގެނައުމަށް ހުރަސް އަޅަން" ކަމަށެވެ.
~
"މިހާރު މިގައުމު މި ދަނީ ހައްދުފަހަނަ އަޅައިގެން. މިއީ ޑިމޮކްރަސީއެއް ނޫން އިނގޭތޯ، މިއީ އެއްވެސް ގޮތަކަށް ޑިމޮކްރަސީއެއް ނޫން. އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިއްވަރުދޭ ފަރާތްތަކަށް ވެސް މިހާރު އެ އުޅެނީ މިގައުމަށް ޑިމޮކްރަސީ ގެނައުމަށް ހުރަސް އަޅަން. އެހެންވީމަ އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން މިހާރު މިދާ ކަންތައްތައް. މިކަހަލަ ކަންތައްތަކަށް ހިއްވަރުދޭ ފަރާތްތަކާ މި ހުރިހާ ކަމެއް މިކަމެއްގައި ޒިންމާވާން އެބަޖެހޭ،" ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑީން ރޭ ވިދާޅުވި އެވެ.

ޑީން ވިދާޅުވީ ހަލީމް މަރާލި ހާދިސާ ހަރުކަށި އިބާރާތުން ކުރެއްވެރި ކުރާ ކަމަށެވެ. އަދި ވިދާޅުވި އެވެ:
"[އާދަމް ހަލީމް މަރާލި ހާދިސާއަކީ] ވަރަށް ފިނޑި، އަދި ވަރަށް ނުލަފާ ގޮތްކުޑަ އަމަލެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަނީ"
ހަލީމްގެ މަރުގެ ހާދިސާއާ ގުޅިގެން ކްރައިމް ރިޑަކްޝަން ޓާސްކްފޯސްގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށާއި އެ ޖަލްސާގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ޑީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންނަށް ކުރިމަތި ކުރާ އެފަދަ ހާދިސާތަކާ ގުޅިގެން ސަރުކާރު ފަހަރަތަކަށް ނުޖެހޭނެ ކަމަށާއި ކެރިގެން އެފަދަ ކަންތައްތަކާ ކުރިމަތިލާނެ ކަމަށެވެ. އަދި ފުލުހުންނަށް ދިމާވާ އެފަދަ ހާދިސާއާ ގުޅިގެން އެއްވެސް "ފުލުހަކު ފަހަތައް ނުޖެހެއްޗޭ" ވިދާޅުވެ، ސަލަމާތީ ބާރުތަކަށް އިލްތިމާސެއް ކުރެއްވި އެވެ.

ރާއްޖޭގެ ފުލުހުންނާއި ސިފައިންނާ ދޭތެރޭގައި ބައިނަލް އަގުވާމީ މުޖުތަމައުގައި "ކިލަނބު" ހިޔާލުތަކެއް އެބައުޅޭ ކަމަށް ވިދާޅުވެ، ޑީން ވިދާޅުވީ އެކަންތައްތަކާ މެދުވެސް ސަރުކާރުން ކުރިމަތިލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ބޭރުގެއް އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއް ރާއްޖެއަށް ފޯރުވުމުގެ އެއްވެސް ފުރުސަތެއް ސަރުކާރުން ނުދޭނެ ކަމަށެވެ.

"އަޅުގަނޑު ހިތްވަރުދޭން ބޭނުން ފުލުހުންނަށް، އެއްގޮތަކަށް ވެސް ފަހަތައް ނުޖެހެއްޗޭ! ބައިނަލް އަގުވާމީ މުޖުތަމައުގެ ތެރޭގައި އެބަ އުޅޭ ވަރަށް ކިލަނބު ހިޔާލުތަކެއް. އެއީ ފުލުހުންނާ ދޭތެރޭގައި ވެސް އަދި ސިފައިންނާ ދޭތެރޭގައި ވެސް. އެހެންނަމަވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމާ ވެސް ކުރިމަތިލައި އެކަމާ ވެސް އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. މިގައުމަކީ މިއީ ދިވެހިރައްޔިތުންގެ ދިވެހި ގައުމެއް. މިގައުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއް، ފޯރުވުމުގެ އެއްވެސް ފުރުސަތެއް މި ސަރުކާރަކުން ނުދޭނެ،" ޑީން ވިދާޅުވި އެވެ.

އުމުރުން 26 އަހަރުގެ ހަލީމަށް ރޭ ހަމަލާދީ މަރާލައިފައި ވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ކުށުގެ ރިކޯޑްތައް އޮންނަ އެ މީހާ ހައްޔަރުކޮށްގެން މިހާރު ތަހުގީގު ހިންގަމުންދާ އިރު، ކާށިދޫގައި ދަނީ ފުލުހުންގެ ހާއްސަ ޓީމަކުން ހަރަކާތެރިވަމުންނެވެ.

މަރާލި އިރު އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކާއި އަންބަކު ހުންނަ ހަލީމަށް ރޭ ހަމަލާ ދީފައި ވަނީ މެންދަމު ޑިއުޓީއަށް ދިއުމަށް ފުލުސް ޔުނިފޯމްގައި ހުއްޓަ އެވެ. ކާށިދޫ ސިއްހީ މަރުކަޒުން ބުނީ ހަލީމްގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި އޭނާގެ މޭމަތިން ނުވައިންޗިހާ ބޮޑު ތަނެއް ފުންކޮށް ކަފާލައި ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ހަލީމް މަރުވީ ހޮސްޕިޓަލްގައި ފަރުވާންދޭން ފެށިތާ ކުޑައިރިކޮޅެއްގެ ތެރޭގަ އެވެ. ހަލީމް މަރާލި ހާދިސާއާ ގުޅިގެން ދިވެހި ދިދަ މިއަދު ބައި ދަނޑިއަށް ތިރި ވަނީ ތިރިކޮށްފަ އެވެ. އަދި ފުލުހުންގެ ދިދަ ތިން ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ކުރަން ވަނީ ނިންމާފައެވެ.