23 Jul 2012, 00:32
ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން ދޮގު ވާހަކަތައް މީޑިޔާގައި އާންމުކުރާ މައްސަލަ ބަލާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ ބަޔަކު ސައިކަލަކުން ޕެޓްރޯލް ވަގަށް ނެގިކަން ފަޅާއަރައިފި ކަމަށް ބުނެ މިރޭ ރާއްޖެ ޓީވީން ފޮނުވި ކަމަށް ބުނާ ހަބަރަކާއި ގުޅިގެން ކުއްލި ގޮތަކަށް ގަލޮޅު ވިލީ ފުލުހުގައި މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފުލުހުންނާއި ގުޅޭ ގޮތުން ބައެއް މީޑިޔާތަކުން ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށާއި އެ ފަދަ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.
"ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ފުލުހުންނާއި ދޭތެރޭގައި އާންމުންގެ މެދުގައި ތަސައްވަރު ވަރަށް ބޮޑަށް ގެއްލި އެކަމުގެ ސަބަބުން އިމޭޖް ގެއްލިގެން ދާނެ. އެހެންވީމަ މިކަމަކީ ޒިންމާދާރު ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން، މި މައްސަލަ [ރާއްޖެ ޓީވީން ދޮގު ހަބަރެއް ކަމަށް ބުނާ ހަބަރެއް ފެތުރި މައްސަލަ] ބެލުމަށްޓަކައި ފޮނުވަން ޖެހޭ ހިސާބުތަކަށް [ތަންތަނަށް] އަޅުގަނޑުމެން ފޮނުވާނަން، އަދި އެކަން އަޅުގަނޑުމެން މައްސަލައެއްގެ ގޮތުގައި ބަލަމުން ވެސް ގެންދާނަން،" ނަވާޒު ވިދާޅުވި އެވެ. "މިއީ ވަކި މީޑިޔާއަކަށް ޓާގެޓްކޮށްގެން ކުރާ ކަމެއްނޫން، އެހެން މީޑިޔާތަކުން ވެސް މިގޮތަށް ކަންކުރާނަމަ އަޅުގަނޑުމެން ހަމަ މިގޮތަށް އަމަލު ކުރާނަން،"
ނަވާޒު ވިދާޅުވީ މީޑިޔާގައި ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަތައް އެންމެ ރަނގަޅަށް ބެލޭނީ އެކަމަށް ހާއްސަކޮށްފައިވާ މުއައްސަސާތަކަށް ކަމަށާއި އަދި ފުލުހުން އިސްކަން ދޭނީ އެ މައްސަލަތައް އެފަދަ ތަންތަނަށް ހުށަހެޅުމަށް ކަމަށެވެ.
"މީޑިޔާގެ ވަސީލަތްތަކަކީ ވަކި ދިމާލަކުން ވަކިގޮތަކަށް އޮޕަރޭޓް ކުރާ އެއްޗަކަށް ވާތީ އަޅުގަނޑުމެން މި ބަލަނީ އެކަންތައްތަކާ ގުޅޭ ދިމަދިމާލަށް [ފުލުހުންގެ ފަރާތުން] އެ މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހަޅަން،" ނަވާޒު ވިދާޅުވި އެވެ.
ފުލުހުން ޕެޓްރޯލް ވަގަށް ނަގާ ކަމަށް ބުނާ ވީޑިއޯއެއް ރާއްޖެ ޓީވީގެ މިރޭގެ އަށެއްގެ ހަބަރުގައި ދެއްކި ކަމަށް ފުލުހުން ބުނެ އެވެ. އެ ވީޑިއޯގައި މަގުމަތީގައި ޕާކުކޮށްފައި ހުރި ދެ ސައިކަލަކާއި ފުލުހުން ކައިރިވެ ޕެޓްރޯލް ހަމެއް ނަގައިގެންދާތަން ދައްކަ އެވެ. އެ ވީޑިޔޯއާ ގުޅޭގޮތުން ނަވާޒު ވިދާޅުވީ އެ ވީޑިއޯއަކީ މިދިއަ ޖޫން މަހުގެ 19 ވަނަ ދުވަހުގެރޭ ނަގާފައިވާ ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯގައި ފެންނަނީ ޕާކުކޮށްފައި ހުރި ސައިކަލެއްގެ ޕެޓްރޯލް ހޮޅި ބުރިކޮށްލައިގެން ފަސް ލީޓަރުގެ ލައިފް ފުޅިއަކަށް ޕެޓްރޯލް ނަގަމުން ދަނިކޮށް ފުލުހުންނަށް އެތަން ފެނިގެން ހަރަކާތްތެރިވާ މަންޒަރު ކަމަށެވެ. އެ މައްސަލަ ފައިލް ކުރި ފޯމާއި ހާދިސާ ހިނގިތަނުން ފުލުހުން ގެނައި ޕެޓްރޯލް ފުޅިވެސް ފުލުހުން ވަނީ ނޫސްވެރިންނަށް މިރޭ ދައްކާފަ އެވެ.
"ފުލުހުން އެތަން ފެނިގެން އެތާ މަޑުކޮށް އެ ޕެޓްރޯލް ހަން ނެގީ، އެރޭ 3:14 ގައި މިއޮތީ ލޮޖްކުރެވިގެން މެސެޖްފޯމު ވެސް ތައްޔާރުކޮށްފައި، އެކަން ހިނގައިދިޔަ ގޮތް ވެސް އަދި އެތަނަށް އެޓެންޑް ކުރި ކުދިން ވެސް މީގައި ވަރަށް ތަފްސީލްކޮށް މިއޮތީ ލިޔެފައި، އެހެންވީމަ މައްސަލަ ލޮޖްކުރެވި މި ދަނީ ކުރިއަށް، މިހާރު ފުލުހުން ނިންމާފައި އޮތީ އެ މީހަކު [ސައިކަލު]ގެ ވެރިފަރާތް ހޯދައި ތަކެތި ވެސް ރައްދުކުރަން،" ނަވާޒު ވިދާޅުވި އެވެ.
ހާދިސާ ހިނގިތަނުން ފުލުހުން ގެނައި ފުޅި ބަހައްޓާފައިހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ބަހައްޓާ ކޮޓަރީގައި ޓެގް ހަރުކޮށްފަ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ނޯޓު ކުރާ ފޮތުގައިވެސް އެރޭގެ ތާރީހުގައި ޕެޓްރޯލް ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ރިކޯޑްކޮށްފައި ވެއެވެ.