24 Aug 2010, 18:14
23:30
ގާނޫނުއަސާސީއާ ތައާރަޒުވާ ހަތަރު ގާނޫނަކާއި ވިހި ގާނޫނެއްގެ 72 މާއްދާ އުވާލުމަށް ހުށަހެޅި ބިލް ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގާނޫނު އަސާސީއާ ހިލާފް ގާނޫނުތަކާއި، ގާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، މި ގަރާރާ މެދު ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު، ބޮޑު ދެ ޕާޓީގެ މަޝްވަރާއާ އެކު މި ގަރާރު، ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް އެއްބަސްވެ، އެގޮތަށް މަޖީލީހަށް ހުށަހެޅުއްވީކަމަށެވެ. އަދި މަޖިލީހުން މި ބިލު ފާސްވެގެން ދިއުމުން ގާނޫނު އަސާސީއާ ތައާރަޒުވާ، ދެތިން ގާނޫނަކާއި، ހަތްދިހަ ވަރަކަށް މާއްދާ ގާނޫނެއްގެ ދަށުން އުވިގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މި ބިލުގެ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ގާނޫނު އަސާސީއާ ތައާރަޒުވާ ގާނޫނުތަކާއި ގަވާއިދުތައް އުވާލަމުން ދާއިރު، ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ދަށަށް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަމުން ގެންދާކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރު ހިންގުމަށް ހުރަސްއެޅެމުންދާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ދައުލަތް ހިންގުމަށް ބޭނުންވާ ގާނޫނުތައް ހަދައިދިނުން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި، މަޖިލީހުގެ ހަމައެކަނި ބޭނުމަކީ، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހާޒިރުކޮށްގެން އާރާއި ބާރު ދެއްކުން ކަމަށްވާ ނަމަ އެއީ ރަނގަޅުކޮތް ނޫން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި މިއޮތީ ފުރިހަމަ ރިޔާސީ ނިޒާމެއްކަމަށާއި، އެ ނިޒާމުގައި ދައުލަތް ހިންގުމަށް ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ނުގެނެވޭނެކަމަށެވެ. އަދި ސިވިލްސާވިސް ކޮމިޝަނަށް މެންބަރުން ހޮވުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ގެނަސް އެ ކޮމިޝަނަށް މެންބަރުން އައްޔަންކޮށްފައިވާ ގޮތާ މެދު ލަދުގަންނަން ޖެހޭ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންނަށް ޖަވާބު ދެއްވަމުން، ޑީއާރުޕީ އާއި ޕީއޭގެ މެންބަރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ބަދަލުކުރަން ޖެހެނީ، އެބާރުތައް ނާޖާއިޒު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަމުން ގެންދަވާތީކަމަށެވެ.
ޑީއާރުޕީގެ މެންބަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް، ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ނުވަތަ ގަވާއިދެއް ހެދި ނަމަވެސް އޭގެން އެއްވެސް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ އިހްތިރާމް ނުކުރައްވާކަމަށެވެ. ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސިވިލްސާވިސް ކޮމީޝަނަށް މެންބަރުން ހޮވުމުގައި ރައްޔިތުންގެ މަޖިލީހުން ކަންތައް ކޮށްފައިވާގޮތް އޮޅުވާލުމަށް އެމްޑީޕީގެ މެންބަރުން ވާހަކަދައްކަވަމުން ގެންދަވާކަމަށެވެ. އަދި އެ ކޮމިޝަނަށް މެންބަރުން ހޮވާފައި ވަނީ ޝަތުރު ހަމަވާ މެންބަރުން ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑީއާރުޕީގެ މެންބަރު ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ވިދާޅުވީ، ޑޮކްޓަރޭޓް ކަމުގެ ސެޓްފިކެޓް އޮތުމަކީ، ސިވިލްސާވިސް ކޮމިޝަނަށް މެންބަރުކަން ދިނުމަށް މަޖުބޫރުވާ ކަމެއްނޫން ކަމަށެވެ. އަދި އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި، ތަޖުރިބާ އަށާއި ތައުލީމަށް ބަލާފައިވާނެ ކަމަށާއި، އެކަމަށް މެންބަރުން ހޮވާފައި ވަނީ، އިންޓަވިއުކޮށް ޕޮއިންޓް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ، ގާނޫނެއް އޮތަސް ނެތަސް ހިތުހުރި ގޮތަކަށް ކަންތައް ކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގާނޫނުން ބޭރުން ކަންކަން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ގާނޫނުހަދާ ބާރު ކަމަށާއި، ވެރިކަންކުރާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އަދުލު އިންސާފު ގާއިމުކުރާ ފަރާތަކީ ޝަރުއީ ކޯޓުތައް ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވަނިކޮށް، ސިފައިންނާއި ފުލުހުން ބޭނުންކުރައްވައިގެން، ސުޕްރީމް ކޯޓުގައި ތަޅުއަޅުގައި ފަނޑިޔާރުން ކޯޓަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދު ހުރަސް އަޅުއްވާފައިވާ ކަމަށެވެ. އަދި އެކަމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވިކަމެއްކަން، ހާމަކޮށްދެއްވީ ވެސް ހުދު ރައީސް ނަޝީދު ކަމަށް ވެސް މަހްލުފު ވިދާޅުވި އެވެ.