22 Jul 2012, 21:05
ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަހަމްކޮށްލި މީހެއްގެ މައްސަލައަކާއި ބިލަބޯންގް ސުކޫލް ކައިރިން މީހެއްގެ ގަޔަށް ވަޅިހެރި ދެ މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ މައްސަލާގައި ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވަނީ މއ. ހިތްތަލަވިލާ، ޙުސެއިން ނާޒިމް 44، ގެ މައްޗަށް ކަމަށާއި އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ އޭޕްރީލް މަހު 20 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު ޕެޓްރޯލް ކުރަން އުޅުނު ފުލުހަކު އޭނާ ގާތުގައި މަޑުކުރަން ބުނުމުން ފުލުސް މީހާއަށް ތޫނު އެއްޗަކުން ހަމަލަދީ މާރާމާރީ ހިންގައިފައިވާތީ އެވެ.
ދެން ދައުވާކުރަން ފޮނުވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު ބިލަބޮންގް ހައި ސްކޫލް ކައިރިން މީހެއްގެ ގަޔަށް ވަޅިހަރައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދަފުތަރު ނަންބަރު 1127، ޢަލީ ފުރުޤާން 18، އާއި ހ. ޒުލްފު، ޙުސައިން ޝަރުޔާން ޝަރީފް 18، އެވެ. އެ ދެ މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.