މާލޭގެ ޕާކްތަކާއި އެފަދަ އެހެން ވެސް ބިންބިމުގައި އެކި ފަރާތްތަކުން ތަރައްގީކުރަން ފަށާފައިވާ ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ މަސައްކަތް ހުއްޓާލަން އެ ފަރާތްތަކަށް އަންގައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ޕާކްތަކެއްގެ ގޮތުގައި މާލޭގައި ހުރި ބައެއް ބިންބިމުގައި ކެފޭ އާއި ރެސްޓޯރެންޓް ފަދަ ތަންތަން ހަދަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެ ތަންތަނުގައި ކުރަމުންދާ އެފަދަ އިމާރާތްތަކުގެ މަސައްކަތް ހުއްޓާލަން މިހާރު ލިޔުން ދީފައިވާނެ ކަމަށެވެ.

މިނިސްޓަރު ފާގަ ކުރެއްވި އެފަދަ ބައެއް ތަންތަނުގެ ތެރޭގައި ސޯސަން ސްޓޯރު ކައިރީގައި އޮންނަ ޕާކާއި ބާ އިންޖީނުގޭ ޕާކާއި އާޓިފިޝަލް ބީޗު ސަރަހައްދު ހިމެނެ އެވެ. މިތަންތަނުގައި މިހާރު ވެސް އިމާރާތްތައް އަޅަމުން އެބަ ދެއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިން އެފަދަ ތަންޔަން ބައެއް ފަރާތްތަކަށް ކުއްޔަށް ދީފައިވިޔަސް އެތަންތަނުގައި މަސައްކަތްތައް ނުކުރަން އަންގާފައިވާނެ ކަމަށާއި އެ އެންގުމަށް ކިޔަމަން ނުވެ އިމާރާތްކޮށް ތަރައްގީކުރާ އެއްވެސް ތަނަކަށް ސަރުކާރުން ބަދަލު ނުދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތަށް އެންގި ނަމަވެސް މައްސަލައަށް ހައްލު އައިސްފައި ނުވާ ކަމަށާއި އެހެންވެ އެ ތަންތަނުގައި މަސައްކަތް ނުކުރުމަށް އިއުލާނެއް ކުރުމުން އެއަށް ވެސް އިޖާބަ ނުދިން ކަމަށެވެ.
"އެފަދަ ތަންތަން ފާހަގަކޮށް މިއަދު ވެސް އިއުލާނެއް ނެރެފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.