11 Apr 2025, 12:52
ޔުއޭފާ ކޮންފަރެންސް ލީގުގެ ކްއާޓާ ފައިނަލްގައި ފިއޮރެންޓީނާ އާއި ސެލްޔޭ ބައްދަލުކުރި މެޗު ފިއޮރެންޓީނާއިން ކާމިޔާބު ކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ސެލްޔޭގެ ދަނޑުގައި ކުޅުނު މި މެޗު ފިއޮރެންޓީނާއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެލްޔޭއެވެ. ނަމަވެސް މިއާއެކުވެސް މި މެޗުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިތަން ފެނިގެންދިޔައީ ފިއޮރެންޓީނާއެވެ.
މި ގޮތުން މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ވެސް ފިއޮރެންޓީނާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި ލޫކާ ރަނިއޭރީއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި މެޗުގައި ފިއޮރެންޓީނާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮލަންޑޯ މަންޑްރަގޯރާއެވެ. މި ލަނޑާއެކު ފިއޮރެންޓީނާއިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ސެލްޔޭއިންވަނީ މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީ އަކުން ތަފާތު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލޯގަން ޑެލައުރިއާ ޗައުބޭއެވެ.
މި ކާމިޔާބީ އާއެކު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގަށް ނިކުންނައިރު ފިއޮރެންޓީނާއިން މި ވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައެވެ. އެއީ މި ދެ ޓީމިގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ފިއޮރެންޓީނާގެ ދަނޑުގައި ކަމުންނެވެ.
މި ކުރިމަތިލުން ކާމިޔާބު ކުރާ ޓީމެއް ސެމީ ފައިނަލްގައި ބައްދަލުކުރާނީ ރެއާލް ބެޓިސް އާއި ޔަގިލޯނިއާ ބިއައިސްޓޮކް ބައްދަލުކުރާ ކްއާޓާ ފައިނަލުން ކުރި ހޯދާ ޓީމަކާއެވެ. އެ ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބެޓިސްއެވެ. މިމެޗުގައި ބެޓިސްގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސެޑްރިކް ބަކަމްބޫ އާއި ހޭސުސް ރޮޑްރިގޭޒްއެވެ.