11 Apr 2025, 10:47
ޓިޕްސް އިންޑަސްޓްރީގެ އެންމެ މަގުބޫލު ފްރެންޗައިޒް "ރޭސް"ގެ ހަތަރު ވަނަ ބަޔަށް ސައިފް އަލީ ޚާންއާ އެކު އެކްޓަރު ސިދާތު މަލްހޯތުރާ ގެނައުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޓިޕްސް ފިލްމްސްއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާތަނަށް އެއްވެސް ފިލްމީ ތަރިއަކަށް "ރޭސް 4" ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް އެކްޓަރު ސައިފް އަލީ ޚާން އާއި ސިދާތު މަލްހޯތުރާއާ އެކު ފިލްމާ ގުޅޭގޮތުން ބަހުސްތަކެއް ކުރިއަށްދާކަމެވެ.
ފިލްމު "ރޭސް 4"ގެ ކާސްޓުންނާ ގުޅޭގޮތުން މީޑިއާތަކުން އެކު ފަހަރު އެކި ޚަބަރުތައް ފެންމަތިކުރަމުން އައި ނަމަވެސް ޓިޕްސް ފިލްމްސްގެ ބަޔާނާ އެކު ވަރަށް ގިނަ ކަންކަން ސާފުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު އަކްޝަޔޭ ކަންނާ އަދި ސައިފް އަލީ ޚާން ފިލްމު "ރޭސް"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުސްތާނުޓައިމްސް
ފިލްމު "ރޭސް 4"ގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ފެށިފައިވާއިރު ސައިފް އާއި ސިދާތުގެ އިތުރުން އިތުރު އެއްވެސް ބަތަލާއަކަށް ފިލްމު ހުށަހަޅާފައި ނުވާ ކަމަށް ޓިޕްސްއިން ވަނީ ބުނެފައެވެ. ޓިޕްސްއިން ނެރުނު ބަޔާނުގައި މީޑިއާގެ ކިބައިން އެދިފައި ވަނީ ފިލްމާ ގުޅުންހުރި ދޮގު މައުލޫމާތުތައް ލިޔެ އާއްމު ނުކުރުމަށެވެ.
ފިލްމު "ރޭސް"ގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެކެވެ. މި ފްރެންޗައިސްގެ ފުރަތަމަ އަދި ދެވަނަ ބައިން ސައިފް އަލީ ޚާން ފެނުނެވެ.
ފިލްމު "ރޭސް 4"ގެ މަސައްކަތް ސައިފް ފަށާނީ އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "ޖުވެލް ތީފް"ގެ މަސައްކަތް ނިމުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.