މިއަހަރު ޖެނުއަރީ މަހުގެ ތެރޭ ރާއްޖެ ވަޑައިގެން އުޅުއްވި އިންޑިޔާގެ އެޑްމިރަލްގެ މޮޓޮކޭޑް މަޖީދީ މަގުން ދަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ މޮޓޮކޭޑް ފަޅާލައި ސައިކަލުގައި ގޮސް މޮޓޮކޭޑްގައި ޖެހި އެކްސިޑެންޓްވި މައްސަލައިގައި ހައްޔަރުކުރި މީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހަޅަން ޕީޖީއަށް ފޮނުވައިފި އެވެ.

ޕީޖީއަށް ފޮނުވާފައި ވަނީ މއ. ދުއްލިސާގޭ މުޙައްމަދު މާހިން ޝާފީ 18، އެވެ. މި މައްސަލައާ ގުޅިގެން ޖެނުއަރީ 13 ވަނަ ދުވަހުގެ ރޭ މާހިން ހައްޔަރު ކުރިއިރު އުމުރުން 18 އަހަރު ފުރިފައު ނުވި ނަމަވެސް މިހާރު މާހިންއަށް ވަނީ 18 އަހަރުވެފައެވެ. މާހިން މިހާރުވެސް ހުރީ މަރުގެ މައްސަލައަކާ ގުޅިގެން ޖަލުގަ އެވެ.

މޮޓޯކޭޑް ފަޅައިލި މައްސަލައިގައި މާހިން ހައްޔަރު ކުރީ ސައިކަލުގައި މޮޓޯކޭޑްގެ ތެރެއަށް ވަދެ އެކްސިޑެންޓްވުމަށްފަހު ސައިކަލްގައި ގޮސް ފިލަން ގެއަކަށް ވަދެ އޮއްވަ އެވެ.