11 Apr 2025, 10:44
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނު އެކްޓަރު ވިކީ ކޯޝަލްގެ ފިލްމު "ޗާވާ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
ލަކްޝްމަން އުތޭކަރު ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ޗާވާ" އަކީ ކާމިޔާބު ގިނަ ފިލްމުތަކެއް މިދިޔަ އަހަރު ގެނެސްދިން މެޑްޑޮކް ފިލްމްސްގެ އުފެއްދުމެކެވެ.
ވިކީ ލީޑް ރޯލް ކުޅެފައިވާ "ޗާވާ"ގެ ކާސްޓުންގެތެރޭ ބަތަލާ ރަޝްމިކާ މަންދަންނާ، ކުޅަދާނަ އެކްޓަރު އަކްޝަޔޭ ކަންނާ، ވިނީތު ކުމާރު ސިންގް އަދި އަޝުތޯޝް ރާނާ ހިމެނެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 14ގައި ސިނަމާތަކުގައި ރިލީޒްކުރި ވިކީގެ މި ފިލްމަށް ބޮކްސް އޮފީހުގައި 804.85 ކްރޯޑް ރުޕީސް (93.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމު އުފައްދާފައި ވަނީ ޖުމްލަ 140 ކްރޯޑް ރުޕީސް (16.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ވިކީ އާއި ރަޝްމިކާ، ފިލްމު "ޗާވާ"ގެ މަންޒަރެއްގައި--ފޮޓޯ/ދަ އިންޑިއަން އެކްސްޕްރެސް
އިންޑިއާގެ ތާރީޚާ ގުޅުންހުރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި "ޗާވާ" އަކީ 15 ވަނަ ގަރުނުގައި އިންޑިއާގެ މަރާޓީ ރަސްދަރިކޮޅުގެ ވެރިއަކަށް ހުންނެވި ޗަތުރަޕަތީ ސަމްބާޖީ މަހަރާޖްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރާނެކަން އިއުލާނު ކުރުމާ ގުޅިގެން ވިކީ ބުނެފައި ވަނީ އިންޑިއާގެ ޝާހީ ރާޖާއެއްގެ ރޯލް ކުޅެން ލިބުމަކީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.
އިންޑިއާގެ އިތުރުން ބައިނަލް އަޤްވާމީ އޯޑިއަންސަށް އިންޑިއާގެ ތާރީޚީ ވާހަކައެއް ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދެވޭ ކަމީ ވަރަށް ބޮޑު އުފަލެއް އިހުސާސްކުރެވޭ ކަމެއް ކަމަށް ވިކީ ވަނީ ބުނެފައެވެ.
ފިލްމު "ޗާވާ"އަކީ ހަމައެކަނި ކިޔައިދޭ ވާހަކައެއް ނޫން ކަމަށާއި އެއީ ލެގަސީއެއް ދެމެހެއްޓުމަށް ކުރެވުނު މަސައްކަތްތަކުގެ އުފާފާޅުކުރުން ކަމަށާއި އަމިއްލަ ޤައުމުގެ ދިފާޢުގައި އެތަކެއް ގުރުބާނީތަކެއް ވެފައިވާ ގިނަ ބައެއްގެ މަތިން ހަނދާންއާކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިކީ ވަނީ ބުނެފައެވެ.