11 Apr 2025, 10:41
ސަލްމާން ޚާން އާއި ޕްރޮޑިއުސަރު ކަރަން ޖޯހަރު 23 އަހަރު ފަހުން އެކީގައި މަސައްކަތް ކުރަން ނިންމި ފިލްމު "ދަ ބުލް"ގައި ސިއްކަ ޖެހުނީ ފިލްމާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑުކޮށް އުފައްދަން ނިންމި ކަރަންގެ މި ފިލްމަކީ ދިވެހިރާއްޖޭގެ ތިނެއް ނޮވެމްބަރުގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމި ފިލްމެކެވެ. ފިލްމުގައި ސަލްމާން ކުޅެން ހަމަޖެހުނު އަސްކަރީ އޮފިސަރުގެ ރޯލަށް އެކްޓަރު ތަމްރީނުތަކެއް ފުރިހަމަކޮށް ލުކް ވެސް ބަދަލުކުރިއެވެ.

ސަލްމާންގެ ފިލްމު "ސިކަންދަރު'ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ
ފިލްމު "ދަ ބުލް"ގެ ވާހަކަ ސަލްމާނަށް ވަރަށް ކަމުދިޔަ ކަމަށާއި ފިލްމުގައި ހިމަނާލެވުނު އަސްކަރީ އޮޕަރޭޝަންގެ ޖޫނިއަ އޮފިސަރެއް ހޮވުމާ ހިސާބުން ސަލްމާން އާއި ކަރަން ޖޯހަރުގެ ޓީމާ މެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާންއާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން މީޑިއާގައި ބުނެފައި ވަނީ "ދަ ބުލް"ގައި ޖޫނިއަ އަސްކަރީ އޮފިސަރެއްގެ ރޯލަށް ސަލްމާން ބޭނުންވީ އެކްޓަރުގެ ބޮޑީ ގާޑު ޝޭރާގެ ދަރިފުޅު އަބީރު ގެންނަން ކަމަށާއި ނަމަވެސް އެކަމާ ކަރަން ގަބޫލުނުވި ކަމަށެވެ.
ސަލްމާންގެ ދުވަސްވީ ބޮޑީ ގާޑު ޝޭރާގެ ދަރިފުޅު ބޮލީވުޑަށް ތަޢާރަފް ކުރުމަކީ ސަލްމާންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި ފިލްމު "ދަ ބުލް"އިން ސަލްމާން ބޭނުންވި ރޯލަކީ އަބީރުއަށް އެންމެ އެކަށީގެންވާ ރޯލް ކަމަށް ސަލްމާންއަށް ގަބޫލު ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ކަރަން އާއި ފިލްމު "ދަ ބުލް"ގެ ޓީމުން ބޭނުންވީ އެ ރޯލަށް އެކްޓަރު ސިދާތް މަލްހޯތުރާ ފަދަ އެކްޓަރަކު ގެންނަން ކަމަށާއި އެ ބަހުސްތަކާ އެކު ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުޅީ އެކު 250 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދަން ގަސްދު ކުރި "ދަ ބުލް"އަކީ ރާއްޖޭގެ ވެސް ވަރަށް ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރި ފިލްމީ ޕްރޮޖެކްޓެކެވެ.
ނަމަވެސް "ދަ ބުލް" ވުޖޫދެއް އަންނާނެ ކަމަށް މެދު އެއްވެސް ޔަގީންކަމެއް މިހާރު ނެތް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.