މިދިއަ މޭމަހުގެ ތެރޭ ފުރުގާން މިސްކިތުގައި ޝައިހު އިލްޔާސް ދަރުސް ދެމުންދަނިކޮށް އެ ސަރަހައްދަށް އެއްވެ ދަރުސަށް ހުރަސް އަޅައި އަޑުގަދަކޮށް މިސްކިތަށް ގާއުކި ކަމަށް ތުހުމަތުވާ ދެ މީހެއްގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މާލޭ ހިޔަ ފްލެޓް ތެރޭގައި ހުންނަ މިސްކިތުގައި އިލްޔާސް ދަރު ދެއްވަނިކޮށް ބަޔަކު އެއްވެސް ހުރަސް އެޅީ މޭ 18 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ދައުވާ ކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވީ ގ. ސިކަންދަރުގޭ، މުހައްމަދު ރާޖިހު 22، އާއި ނ. މާޅެންދޫ ފެހިވިނަ، އިސްހާގު ޙަސަން 50، ކަމަށެވެ.

އަދި ބުނީ އެރޭ މިސްކިތް ކައިރިއަށް އެއްވި ހިންގި ހަމަނުޖެހުންތަކުގައި ތަނުގެ އަމާންކަމާއި ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރިކަމަށް ތުހުމަތުކުރެވިގެން ރާޖިހާއި އިސްހާގު ހައްޔަރުކޮށް ތަހުގީގު ކުރުމަށްފަހު ޝަރީޢަތަށް ހުށަހަޅަން އެ ދެ މީހުންގެ މައްސަލަ ފޮނުވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

"މައާފު ކުރާށޭ!"ގެ ނަމުގައި އިލްޔާސް ދަރުސު ދެއްވަމުން ގެންދަވަނިކޮށް އެރޭ ބަޔަކު ހުރަސް އަޅަން މަސައްކަތް ކުރީ ދަރުސް ފެށިތަނާ އެވެ. ފުލުހުންގެ މަރުކަޒެއް ވެސް ހިމެނޭ އެ ކޮށީގައި ހުންން ވަގުތީ މިސްކިތް ކައިރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ދަރުސަށް ހުރަސް އަޅަން އުޅުނު މީހުންނާއި ދަރުސް އަޑު އަހަން ތިބި މީހުންނާ ދެމެދު ހަމަނުޖެހުންތައް ވެސް ހިނގި އެވެ.