22 Jul 2012, 16:56
މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިވެހި ގައުމީ ދިދަނެގުމުގެ ރަސްމިޔާތު އޮންނާނީ ޖުލައި 26ގެ ރޭގައި ކަމަށް ހޯމް މިނިސްޓްރީ ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ސަލީމް މިއަދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިޔާތު އޮންނާނީ އެ ދުވަހުގެ ރޭ 10:00ގައި ކަމަށެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދިދަ ނެގުމުގެ ރަސްމިޔާތުގެ އެއް ވަގުތެއްގައި ބާއްވަން ނިންމަވާފައިވާ ކަމަށާއި އަދި އެކަން ހުރިހާ ރަށެއްގެ ކައުންސިލް ތަކަށް އެލްޖީއޭ މެދުވެރިކޮށް އަންގާފައިވާނެ ކަމަށެވެ. އެ ރަސްމިޔާތުގައި ސްކޫލް ކުދިންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ ރަށްރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެވޭނެ ގޮތަށް އެކަން ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިވަން ދުވަހުގެ މެންދުރު ފަހު ރައީސުލް ޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނެ އެވެ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ފަރީއްކޮޅު އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަނީ ގައުމީ ދާރުލް އާސާރުގައި ބާއްވާނެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސްކޫލު ކުދިންގެ ހަރަކާތްތައް ރޯދަ މަހުގެ ފަހުން ބާއްވަން ވަނީ ފަސްކޮށްފަ އެވެ. މިނިވަން ދުވަހާ ގުޅޭ ހާއްސް ރޫޓް މާޗް އޮންނާނީ 28 ވަނަ ދުވަހު އެވެ.
މިއަހަރު ފާހަގަކުރަނީ ރާއްޖޭގެ 46 ވަނަ މިނިވަން ދުވަހެވެ.