22 Jul 2012, 16:39
މުޒާހަރާތަކުގައި ފުލުހުން ހައްޔަރުކުރާ މީހުން ވަކި މުއްދަތެއް ވަންދެން މުޒާހަރާ ނުކުރަން ކޯޓުން ޝަރުތުކޮށް ދޫކޮށްލަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކަން ބަލަން ފަށައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލު މިއަދު ވިދާޅުވީ މުޒާހަރާ ނުކުރަން ޝަރުތުކޮށް ބައެއް މީހުން ކޯޓްން ދޫކޮށްލަމުންދާ މައްސަލަ އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައިގައި ގާނޫނީ ލަފާ ކޮމިޝަނުން ހޯދަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ލީގަލް ޑިޕާޓްމަންޓްގައި ދަންނަވާފައި ވާނީ، ގާނޫނީ ގޮތުން އެކަން އޮންނަ ގޮތް ބެލުމަށް،" ތޮލާލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ އެ މައްސަލައިގައި ލީގަލް ޑިޕާޓްމަންޓްގެ ބަހެއް ލިބުމުން ކަމަށެވެ. "އަޅުގަނޑުމެން އެކަމުގައި ލަފާ ލިބުނީމައި އެކަމުގައި އެއްޗެކޭ ބުނާނަން،"
އެޗްއާރުސީއެމްއިން އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދަން ފަށާފައިވާއިރު މުލަރޯދަ ދުވަހު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކުރި 31 މީހަކު މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން ދޫކޮށްލީ ވަކި ވަގުތުތަކެއްގައި މުޒާހަރާ ނުކުރެވޭ ގޮތަށް ޝަރުތުކޮށެވެ.
އެއްވެއުޅުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީން ލިބިގެންވާ ހައްގެކެވެ. ސީދާ ހަރަކާތުގެ ނަމުގައި އެމްޑީޕީން އަންނަނީ މާލޭގެ މަގުތަކުގައި ރެއާއި ދުވާލު ހައްދެއް ނެތި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކުގައި އާންމުންނަށް އެކި ވަރުގެ އަނިޔާވެ ފުލުހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތަށްވެފަ އެވެ.