22 Jul 2012, 16:34
މުޒާހަރާތަކުން ހައްޔަރުކުރާ ބައެއް މީހުނަށް ވަކި މުއްދަތެއް ވަންދެން މުޒާހަރާ ނުކުރެވޭ ގޮތަށް ކްރިމިނަލް ކޯޓުން ޝަރުތު ކަނޑައަޅާ މައްސަލައިގައި ގާނޫނީ ވަކީލުން ތަފާތު ނުކުތާއް ފާހަކޮށް ވާހަކަފުޅު ދައްކަންވަން ފަށައިފި އެވެ.
މުލަ ރޯދަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެ މުޒާހަރާ ކޮށްގެން ހައްޔަރުކުރި 31 މީހަކު ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔުމުން އެ މީހުން ދޫކޮށްލާފައިވަނީ ބައެއް ގަޑިތަކުގައި މުޒާހަރާ ނުކުރުމަށް ޝަރުތުކޮށެވެ.
އެ ކަމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ މުޒާހަރާ ނުކުރަން ޝަރުތުކޮށް ކްރިމިނަލް ކޯޓުން ބައެއް މީހުން ދޫކޮށްލަމުންދާ ދިޔުމަކީ ގާނޫނު އަސާސީއާ ކަޑައެޅިގެން ހިލާފަށް ކުރާ ކަމެއް ކަމަށާއި އަދި ކުށެއް ސާބިތުނުވާ މީހެއްގެ އަސާސީ ހައްގެއް ނިގުޅައި ގަތުމަކީ ކްރިމިނަލް ކޯޓަށް ލިބިދޭ ބާރެއް ނޫން ކަމަށެވެ.
"ހިޔާލުފާޅުކުރުން ފަދަ ގާނޫނީ އަސާސީން ކަޑައެޅިގެން ލިބިދޭ ހައްގެއް ގެއްލޭ ގޮތަށް ކްރިމިނަލް ކޯޓަކަށް ޝަރުތެއް ނުކުރެވޭނެ، އަދި އެ މީހުންނަކީ ކުށެއް ސާބިތުވެފައިވާ ބައެއް ވެސް ނޫން، އެހެންވީމަ ކޯޓަށް ކިހިނެތްތޯ އެގޮތަށް ހައްގެއް ގެއްލޭ ގޮތަށް ޝަރުތެއް ކަނޑައެޅޭނީ، އަޅުގަނޑު ގޮވާލަން އެގޮތަށް އެކަން ނުކުރުމަށް،" ރާއްޖޭގެ އިސް ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައި ޝުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސިން ލިބިދޭ ހައްގުތައް ގެއްލޭ ގޮތަށް ކްރިމިނަލް ކޯޓުން ޝަރުތެއް ކުރުމަކީ ރާއްޖެ ބައިވެރިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ވެސް ހިލާފުކަމެއް ކަމަށާއި އަސާސީ ހައްގަކުން އެގޮތަށް މީހަކު މަހުރޫމު ނުކުރެވޭނެ ކަމަށެވެ.
"ބައިނަލް އަގުވާމީ މުއާހަދާތަކާ ވެސް ހިލާފަށް މިކަން މި ކުރެވެނީ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދުގެ ގާނޫނީ ރައުޔު އެހެން ހުރިއިރު ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު މިއަދު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލާއިރު ޝަރުތު ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނިނަމަވެސް އެ މާއްދާގެ ރޫހަކީ ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭފަދަ ކަމެއް މަނާކުރުން ކަމަށެވެ.
"އެކަމަކު ކްރިމިނަލް ކޯޓުން މިހާރު އަމަލު މިކުރަނީ ސްކޯޕުން ބޭރުގައި، އަނެއް ދުވަހު ޝަރުތުކޮށްފާނެ ފުރައިގެން ރަށަށް ދާން، ކުޑަކަމު ނުގޮސް ހުންނަން، މިއީ އެގޮތަށް ގާނޫނު އަސާސީގައި ކަނޑައެޅިގައި އޮތް ކަމެއް ނޫން، އެއީ ޖިނާއީ އިޖުރާއަތަށް ހުރަސް އެޅޭފަދަ ކަމެއް ނުކުރުމަށް ކުރެވޭ ޝަރުތަކަށް ވާން މިޖެހެނީ،" އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކުރަމުން އަންނަނީ ގާނޫނު އަސާސީގައި ބުނާ ޝަރުތު ކުރުމުގެ އުސޫލުތަކެއް ކަނޑައެޅިފައި ނެތުން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ތެރެއިން އެކަމަށް ޝަރުތުކުރެވޭނެ އުސޫލެއް ކަޑައަޅަން ޖެހޭ ކަމަށެވެ.
"ނޯވެ އޭގައި އުސޫލުތަކެއް، އެހެންވެ ކްރިމިނަލް ކޯޓުން މި ހަދާ ގޮތަކީ، އޭތި ފުޅާކޮށްލާފައި ކޮންމެ ކަމަކަށްވެސް ޝަރުތުކުރަނީ، އެކަމަކު މިއީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ނޫނީ ތަހުގީގަކަށް އެއްބާރުލުން ދިނުމަށް ކުރެވޭ ޝަރުތަކަށް ވާންމިޖެހެނީ،" އަފީފު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ޝަރުތުތަކާ ގުޅޭ ގޮތުން ގާނޫނީ ވަކީލު އަލީ ހުސެއިން ވެސް ވިދާޅުވެފައިވަނީ ގާނޫނީ އަސާސީގެ 49 ވަނަ މާއްދާއާ ހިލާފަށް ކްރިމިނަލް ކޯޓަށް ޝަރުތު ނުކުރެވޭނެ ކަމަށެވެ. އަސާސީ ހައްގެއް ހަނިވާ ގޮތަށް ކްރިމިނަލް ކޯޓުން ކުރާ ޝަރުތުތަކަކީ ބާތިލް ޝަރުތުތަކެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
"ގާނޫނު އަސާސީގެ 49 ވަނަ މާއްދާއިން ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލެވޭނެ ގޮތް އެބައޮތް ކަނޑައަޅާފައި، އެއީ މީހަކު ކޯޓަށް ހާޒިރު ކުރުމަށް ބާރުއަޅާ ޝަރުތަކަށް ވާން މިޖެހެނީ، އެ ނޫންގޮތަކަށް ކޯޓަކަށް ބާރެއް ލިބިގެނެއް ނުވޭ،" އަލީ ހުސެއިން ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނަނީ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެނެއްނުވާނޭ ކަމަށެވެ. އަދި ބުނެފައި ވަނީ ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން ދާދިފަހުން ކަޑައެޅި ޝަރުތުތަކާއި ދެކޮޅަށް ބައެއް ގާނޫނީ ވަކީލުން ވާހަކަ ދެއްކެވިއިރު އެ މައްސަލައިގައި ގާނޫނީ ސުވާލުތަށް އުފެދި އެޗްއާރްސީއެމްއި ންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. މުޒާހަރާ ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ ލިބިދޭ ހައްގެކެވެ.