24 Aug 2010, 18:03
23:10
ބަރުލަމާނީ ނިޒާމު ނުވަތަ ރިޔާސީ ނިޒާމު ހިނގާ ގައުމެއް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރުގެ ވެރިންނާއި ސިފައިން ހާޒިރުވުމަކީ، ޝައްކާއި ސުވާލު އުފެއްދޭ މިންވަރަށްވުރެ ބޮޑަށް އަށަގަނެފައިވާ ސާބިތު ހަގީގަތެއް ކަމަށް ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު ބްލޮގް، "އެމްނަޝީދު ޑޮޓްކޮމް"ގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ވަޑައި ނުގަންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައި އެކަން މަޖިލީހުގެ ރައީސަށް އެންގެވުމުމުން އެކަން ގަބޫލުފުޅު ކުރައްވަންވެސް ދަތިފުޅުވެ ވަޑައިގަތް ކަމަށެވެ.
ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަމިއްލަފުޅަށް ސޮއިކުރައްވާ ފޮނުއްވެވި ސިތީފުޅަކުން އެކަން ކުރެއްވެވި ކަމުގެ މައުލޫމާތު ލިބި ވަޑައިގަތުމުން ގާނޫނު އަސާސީގައި ބަޔާންވެގެންވާ ކަމަކާ ގުޅޭ ގޮތުން އެކަހަލަ ލިޔުމެއްގައި ސޮއިކުރެއްވުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކުރެއްވުން ކޮންކަހަލަ ކަމެއްބާވައޭ ހިތްޕުޅަށް އަރާވަޑައިގަތް ކަމަށް ވެސް ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
މަޖިލީގެ ކޮމެޓީތަކަކީ މަޖިލީހުގެ "މައި އިންޖީނު" ކަމަށާއި ހުރިހާ މަސައްކަތެއް ހިނގަނީ ކޮމެޓީތަކުގައި ކަމަށް ސިފަ ކުރައްވައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ކޮމެޓީތަކަކީ މުޅި މަޖިލީހުގެ ބާރު ހަވާލު ހަވާކޮށްފައިވާ އަދި މުޅި މަޖިލިސް ތަމްސީލު ކުރާ ކޮމެޓީތަކެއް ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެކަނި ކަން ހިނގާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ބަރުލަމާނީ ނިޒާމު ހިނގާ ގައުމެއް ނަމަވެސް އަދި، ރިޔާސީ ނިޒާމް ހިނގާ ގައުމެއް ނަމަވެސް މަޖިލީހުގެ ކޮމެޓީތަކަށް ވަޒީރުންނާއި ސަރުކާރުގެ ވެރިންނާއި ސިފައިން ހާޒިރުވުމަކީ ޝައްކުކުރެވޭ މިންވަރަށްވުރެ ބޮޑަށް، ސުވާލު އުފެއްދޭ މިންވަރަށްވުރެ ބޮޑަށް އަށަގެންފައިވާ ސާބިތު ހަގީގަތެކެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ވެސް ކަން އޮތް ގޮތެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ މަޖިލީހުގެ ކޮމެޓީތަކަށް ވަޒީރުންނާއި ސަރުކާރުގެ ވެރިން ހާޒިރު ވުން ހުއްޓުވުމަކީ ހަމައެކަނި މަޖިލީހުގެ އަމުރަށާއި މަޖިލީހުހެ މުއައްސަސާއަށް އެކެނި ނުކިޔަމަންތެރިވުން ނޫން ކަމަށާއި ގާނޫނު އަސާސީން މަޖިލީހަށް ދީފައިވާ ބާރެއް މަޖިލީހުން ކަނޑައަޅާފައިވާ ގޮތަކަށް އަދާ ކުރުމަށް ހުރަސް އެޅުއްވުން ކަމަށް މާނަ ކުރެވޭ ކަމަށެވެ.
ނަޝީދުގެ ލިޔުއްވުމުގައި ވަޒީރުންނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރުމާ ބެހޭ ގޮތުން ގާނޫނު އަސާސީގައި ބަޔާންކުރާ މައިގަނޑު ދެ މާއްދާގެ ތެރެއިން ގާނޫނު އަސާސީގެ 98 ވަނަ މާއްދާގެ މައްޗަށް ވެސް ނަޝީދުގެ ލިޔުއްވުމުގައި އަލި އަޅުވާލައްވައި އިލްމީ ނަޒަރަކުން ލިޔުއްވާފައިވެ އެވެ.