ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ފަސް ދުވަހަށް ފުލުހުންގެ ބަންދުގައި ބެހައްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ހާމިދު، ފަސް ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރިޔަސް އޭނާ މަޖިލީހަށް ހާޒިރު ކުރުމާ ނުކުރުމުގެ އިހްތިޔާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމުން ހޯމް މިނިސްޓްރީން ނިންމާ ތަކެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދެވިދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން ހަސަން ހަނީފު ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ހާމިދު މަޖިލީހަށް ހާޒިރު ކުރާނެ ކަމަށާއި އެއީ މީގެ ކުރިން ވެސް މަޖިލީހުގެ މެންބަރުން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު އަމަލް ކުރާ އުސޫލު ކަމަށެވެ. އަދި ހާމިދު ހައްޔަރު ކުރުމަށްފަހު މަޖިލީހަށް އަންގާފައިވާނެ ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ.

އިއްޔެ ހަވީރު ހާމިދު ހައްޔަރު ކުރީ އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނާއެކު އެއްވުން މަނާ ސަރަހައްދަށް ވަދެވަޑައިގަތުމުން އެ ސަރަހައްދު ދޫކޮށް ވަޑައިގެންނެވުމަށް ފުލުހުން އެންގި އެންގުމަށް ކިޔަމަންވެ ވަޑައި ނުގެންނެވުމުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ބުނަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށްގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދު ކުރަންޖެހިއްޖެ ހިނދެއްގައި، މެންބަރަކު ބަންދު ކުރަންވާނީ މަޖިލީހުގެ ރައީސްއަށް އެންގެވުމަށް ފަހުގަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސަށް ފުލުހުން އެކަން އަންގާފައި ވަނީ ހާމިދު ހައްޔަރު ކުރުމަށްފަހުގަ އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބުނަނީ މެންބަރަކު ހައްޔަރު ކުރުމަށްފަހު މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ތަކުގެ ޖަލްސާތަކަށް ވަޑައިގަތުމުގެ ހައްގު އެ މެންބަރަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ.