މިއަހަރުގެ ފިތުރު ޒަކާތް ރާއްޖޭގައި މިއަދު ބަލައިގަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު، މުސާ އަންވަރު ހަސަން މިއަދު ވިދާޅުވީ ފިތުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ފެށިގެން 12:00 ހަމައަށް ކަމަށެވެ. އަދިޮ ރޯދަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފެށިއިރު މި އަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް އާދައިގެ ހަނޑުލުން ދައްކަންޖެހޭނީ 10ރ. ކަމަށާއި ތައިލެންޑު ހަނޑުލުން ނަމަ ބޮލަކަށް 36ރ. ކަމަށެވެ. ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 56ރ. ކަމަށެވެ.

ޒަކާތުގެ ގޮތުން މިދިޔަ އަހަރު ދައްކާފައިވަނީ ބާސްމަތީ ހަނޑުލުންނަމަ 53ރ. ތައިލެންޑް ހަނޑުލުންނަމަ 32ރ. އަދި އާދައިގެ ހަނޑުލުންނަމަ ދައްކަންޖެހެނީ 10ރ. އެވެ.

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީންނެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ޒަކާތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ އަވަށު އޮފީހަށެވެ. އަތޮޅުތަކޔގެ ރަށްރަށުން ފައިސާ ބަލައިގަންނަމުންދަނީ އެ ރަށެއްގެ ކައުންސިލު އިދާރާތަކުންނެވެ. މީގެ އިތުރުން މިއަހަރުވެސް އެސްމެސް މެދުވެރިކޮށް ޒަކާތްދެއްކޭގޮތް ވަނީ ހަމަޖައްސާފަ އެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އެއަހަރުގެ ތެރޭގައި އެބަޔަކު ނުވަތަ އެމީހަކު ކައި އުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާ އެވެ.